މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ މީހުންނާ ބައްދަލު ކުރުމަށް އެމްއެންޕީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރާ އަބްދުލް ހަންނާން އިދުރީސްގެ ޑޯޓުޑޯ ހަރަކާތްތައް ފަށައިފި އެވެ.
މި ހަރަކާތަކީ ރައްޔިތުންގެ މަޖްލިސްގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ހަންނާނަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ހަންނާނާއެކު އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެމްއެންޕީން ބުނީ މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަމުން އަންނަ ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ދާއިރާގެ ގިނަ ބައެއްގެ ތާއީދު ހަންނާނަށް ލިބެމުން އަންނަ ކަމަށް ވެސް އެ ޕާޓީއިން ފާހަގަކުރި އެވެ.
ހަންނާން ވަނީ އެ ދާއިރާގައި ހިމެނޭ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ވަޑައިގެން ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް ވެސް ވަރަށް ކާމިޔާބު ކަމަށް އެ ޕާޓީ އިން ބުންޏެވެ. އެ ދާއިރާއަށް ވާ ވައުދުތައް ވެސް މިހާރު ވަނީ އިފްތިތާހުކޮށްފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދާއިރާއަށް އެމްއެންޕީގެ އިތުރުން ޕީޕީއެމް އަދި އެމްޑީޕީއިން ވެސް ވާދަކުރެ އެވެ.