ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބުދުލްހަންނާނު އިދުރީސްގެ ވައުދުތައް މިރޭ ހާމަކޮށްފި އެވެ.
ހަންނާންގެ ވައުދުތައް ހާމަކުރީ މާލޭގައި ހުޅުވާފައިވާ އޭނާގެ ކެމްޕޭން ޖަގަހައިގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ހަންނާންގެ ވައުދުތަކުގެ ތެރޭގައި ކޮމަންޑޫ ދާއިރާ އަށް ހާއްސަކޮށްފައިވާ ވައުދުތަކަކާއި އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ހާއްސަ ވައުދުތަކެއް ހިމެނެ އެވެ.
މިޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި އަށް ހަންނާން ހޮވަންޖެހެނީ ވައުދުތައް ފުއްދައިދޭނެތީއާއި އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެތީ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ވައުދުތައް
- ކޮމަންޑޫ، ފޯކައިދޫ، މަރޮށީގެ މައްސަލަތަކަށް މަޖިލީހުގައި ވަކާލާތުކުރުން.
- ސަރުކާރާ ގުޅިގެން ކޮމަންޑޫ ދާއިރާގައި ހުއްޓިފައި ހުރި މަސައްކަތްތަކުގެ ދުވެލި ބާރުކުރުން.
- ރައްޔިތުންނަށް މުހިއްމު ޤާނޫނުތައް ފާސްކުރުމަށް އިސްކަން ދިނުން.
- ކޮމަންޑޫ ދާއިރާގެ ކޮންމެ ރަށަކުން ތަނަވަސްކަން ނެތް އެއް ބޭފުޅަކު ކޮންމެ އަހަރަކު ހައްޖަށް ފޮނުވައިދިނުން.
- ހަމަހަމަކަމާއި އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރުން.
- ހަމަހަމަ، އިންސާފުވެރި ޝަރުއީ ނިޒާމެއް ޤާއިމުކުރަން ވަކާލާތުކުރުން،
- ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ކޮންމެ އަހަރަކު މަރްޙޫމް ހުސައިން ވަހީދުގެ ހަނދާނުގައި "އެމްޕީކަޕް"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުން.
- "ފުދުންތެރި ފަންޑް"ގެ ނަމުގައި ދެ މިލިޔަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން ފުދުންތެރި ރައްޔިތެއް ބިނާކުރަން އިންޓްރެސްޓް ފްރީ ލޯނު ދޫކުރުން.
ކޮމަންޑޫ އަށް ހާއްސަ ވައުދުތައް
- އެއާޕޯޓް އަޅަން ސަރުކާރަށް ޕްރެޝަރުކުރުން.
- މަސްވެރިންނަށް މަސް ކަނޑާނެ ތަނެއް ހެދުން.
- މަސްވެރިންނަށް ފަސޭހަ ކުރުމަށްޓަކައި އައިސްޕްލާންޓް ބެހެއްޓުން.
- ލޭންޑް ޔޫސް ޕްލޭން އަވަސްކުރުމަށް ގާނޫނަށް ބަދަލުގެނައުމަށް ހުށަހެޅުން
- ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ޖިމެއް ހެދުން.
- ސިއްހީ ދާއިރާ ތަރައްގީކުރަން މަސައްކަތްކުރުން
- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރުމަށް މަސައްކަތްކުރުން
- ސްލިޕްވޭ އިންސްޓޯލް ކުރުން.
- ތައުލީމީ މަރުކަޒުގެ ހިދުމަތްތައް ވަރުގަދަކޮށް، ތައުލީމު އުނގެނުމަށް ކައިރި ރަށްރަށުން އަންނަ ކިޔަވާ ކުދިން ބައިތިއްބާނެ ތަންތަން ތަރައްގީކުރުމަށް އެހީތެރިވުން.
- ރަށްފަތީގައި ރިސޯޓެއް ހެދުމަށް މެދުކެނޑުމެއްނެތި މަސައްކަތްކޮށްދިނުން.
- ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުމަށް ޕްރޮގްރާމްތައް ހިންގުން
- ފަސްގަނޑު އޮތް ސަރަހައްދު ހުސްވުމުން އެތަނުގައި ހަޓް ޖަހާ ތަރައްގީކުރުމަށް އެހީވެދިނުން
ފޯކައިދޫ އަށް ހާއްސަ ވައުދުތައް
- ހެލްތް ސެންޓަރު ތަރައްގީކުރުމަށް ބޭނުންވާ ސާމާނު ހޯދުމުގައި އެހީތެރިވެދިނުން.
- ހެލްތް ސެންޓަރުގައި މާބަނޑު މީހުންނަށް ވިހާނެ އިންތިޒާމް ހަމަޖައްސައިދިނުން.
- ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީއަށް ކިޔަވާ ކުދިން އަހުލުވެރިކުރަން ކޮމްޕިއުޓާ ލެބެއް ތަރައްގީކުރުން.
- ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ގޮތް ހެދުމަށްޓަކައި އޭޓީއެމް ބަހައްޓަން މަސައްކަތްކުރުން.
- ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް ހަދައިދިނުން.
- އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.
- ކޮލެޖެއްގެ ކެމްޕަހެއް ފޯކައިދޫގައި ގާއިމުކުރުމަށް މަސައްކަތްކުރުން.
- ކުޅިވަރުގައި ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެދާއިރާ ތަރައްގީކުރުމަށް އެހީތެރިވެދިނުން.
- ފުދުންތެރި ރައްޔިތަކު ބިނާކުރުމަށް ފަހާ ކޯސް، މޭކަޕް ކޯސް އަދި ކައްކާ ކޯސް ފަދަ ކޯސްތައް ހިންގުން.
މަރޮށްޓަށް ހާއްސަ ވައުދުތައް
- ސްކޫލްގައި ހިންގާ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
- އިސްލާމީ ވަހުދަތު ވަރުގަދަކުރަން ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން.
- އަންހެން ކަނބަލުން ފުދުންތެރި ބަޔަކަށް ހެދުމަށް ތަފާތު ފަންނުގެ ކޯސްތައް ހިންގުން.
- ބާބަކިއު ހަދާނެ ސަރަހައްދެއް ތަރައްގީކުރާނަން.
- މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީކުރުން.
- އިންޑޯޖިމަކަށް ބޭނުންވާ ސާމާނު ހޯދައިދިނުން.
- ސިއްހީ މަރުކަޒު ތަރައްގީކުރުން.
- ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްގީކުރުން.
- ތުނޑީގައި ނޭޗާ ޕާކެއް ތަރައްގީކުރަން މަސައްކަތްކުރުން.
- ކޮމްޕިއުޓާ ކްލާސްތައް ހިންގައިދިނުން.
ހަންނާނަކީ ތައުލީމު ދާއިރާގައި ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.
ތައުލީމީ ދާއިރާގައި ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ ސުކޫލާއި، ރ. އިނގުރައިދޫ ސޫކޫލާއި، ނ. މާފަރު ސުކޫލާއި، ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެ އެވެ.
އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެ އެވެ. ހަންނާންގެ ކެމްޕޭން ވެސް މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ފަށާފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮަމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ އިތުރުން ވާދަކުރަނީ އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.