ލައިފްސްޓައިލް

ހަނދާން ގަދަކަމުގެ ރެކޯޑް ދެ އަހަރުގެ މާޔަން އަށް

މާޔަން އަކީ އެންމެ ދެ އަހަރު ބައި ކުއްޖެކެވެ. ނަމަވެސް އޭނާގެ ހަނދާން ގަދަކަމުން ބޮޑެތި މީހުންގެ ތެރެއިން ބައެއް މީހުންނާ ނުބައްދަލެވެ. އިންޑިއާގެ ޓެމިލް ނާޑޫގެ ޝިވަގަންގާ ޑިސްޓްރިކްޓްގެ ތިރުއްޕުވަނަމްގައި ދިރިއުޅޭ ބާލާޖީ އާއި ނަންދިނީގެ ދަރިފުޅަށް މިހާރު ރީތިކޮށް ވާހަކަ ދައްކަން އެނގުމުގެ އިތުރުން އޭނާއަށް ފެންނަ ކޮންމެ އެއްޗެއް ހަނދާނުގައި ބެހެއްޓުމުގެ ގާބިލްކަން މި ކުޑަ ކުއްޖާގެ އެބަހުއްޓެވެ. މިއީ މި އުމުރުގެ ގިނަ ކުދިން އަދި ވާހަކަ ދައްކަން ދަސްކުރަން މަސައްކަތްކުރާ އުމުރެވެ.

މާޔަންގެ ހަނދާން ވަރުގަދަކަމުން އޭނާއަށް ފެންނަ ކޮންމެ ނަމެއް ކޮންމެ ތަސްވީރެއް ހަނދާނުގައި ބަހައްޓަން އެއްވެސް ކަމެއް ނޫނެވެ. އަދި އޭނާ ބައިވެރިވި ކޮންމެ އިވެންޓެއްގެ ވާހަކަ އެހިޔަސް އޭނާ އެ އިވެންޓުގައި ހިނގި ކަންކަމަށް ދަންދެން ހަނދާން ބަހައްޓައިގެން ކިޔައިދެ އެވެ. އޭގެ ފަހުން ކިތަންމެ ދުވަހެއް ފާއިތުވިޔަސް މާޔަންގެ ހަނދާނަކަށް ފަނޑުކަމެއް ނާދެ އެވެ.

މާޔަންގެ މި ހުނަރު އޭނާގެ މައިންބަފައިންނަށް ވަރަށް ކުރިއްސުރެ ފާހަގަ ކުރެވުނެވެ. އަދި އެންމެ ފުރަތަމަ އެކި ކަހަލަ ތަސްވީރު އޭނާއަށް ދައްކަން ފެށި އެވެ. ލީޑަރުންނާއި މޭވާގެ ތަސްވީރު ތަކެވެ. މާޔަން ވަރަށް އަވަހަށް އެ އެއްޗެތި ދަސްކޮށްލި އެވެ. އޭގެ ފަހުން އެމީހުން އަލްބަމެއް ތައްޔާރުކުރި އެވެ. ތަމަޅަ 247 ބަސް، ހިސާބު ނަންބަރު، ވެހިކަލްގެ ނަން، އިނގިރޭސިން މަސްތަކަށް ކިޔާ ނަންތައް، ތަމަޅައިން މަސްތަކަށްކިޔާ ނަންތައް، ދުނިޔޭގެ ގައުމުތަކުގެ ނަންތަކާއި އެ ގައުމުތަކުގެ ވެރިކަންކުރާ ރަށުގެ ނަންތައް އެމީހުން އޭނާއަށް ދަސްކޮށްދިނެވެ. މި އެއްޗެތިވެސް ވަރަށް އަވަހަށް ފަސޭހަކަމާއެކު މާޔަން ދަސްކޮށްލައި އެންމެން ހައިރާން ކޮށްލި އެވެ.

ދަރިފުޅުގެ ހުނަރު ސާބިތުކޮށްދިނުމަށް ހެއްކާއެކު އެމީހުން އިންޑިއާ ބުކް އޮފް ރެކޯޑްސް އާއި ކަލާމް ބުކް އޮފް ރެކޯޑްސް އަށް ހުށަހެޅި އެވެ. މި ދެ ރެކޯޑުސް އިން ވެސް މިހާރު ވަނީ މާޔަންގެ މި ހުނަރުވެރިކަން ގަބޫލުކޮށްފަ އެވެ.

މިހާތަނަށް މި ރެކޯޑްތައް ހަދާފައިވަނީ ހަތަރު އަހަރުން މަތީގެ ކުދިންނެވެ. އުމުރުން ދެ އަހަރު ބައިގައި ރީތިކޮށް ވާހަކަ ދައްކަން އެނގޭ ކުދިންގެ ތެރެއިން މާޔަންގެ ހަނދާނުގެ ވަރުގަދަކަން އަޖައިބު ވާވަރު ވެއެވެ.

މާޔަންގެ މަންމަ ނަންދިނީ ބުނި ގޮތުގައި ދަރިފުޅުގެ ހަނދާނުގެ ބާރު އާދަޔާޚިލާފަށް ގަދަކަން އެމީހުންނަށް އެނގުމާއެކު އުމުރުން އެއް އަހަރުގައި މާޔަން އަށް އެއްޗެތި ދަސްކޮށްދޭން ފެށި އެވެ. އެގޮތުން ދުނިޔޭގެ ލީޑަރުންގެ ނަންތަކާއި ތަމަޅަ އަކުރުތަކާއި އިނގިރޭސި އަކުރުތައް އަދި ތަމަޅައިން މަސްތަކަށް ކިޔާ ނަންތަކާއި އިނގިރޭސިން މަސްތަކަށް ކިޔާ ނަންތައް، ހިސާބު ނަންބަރުތައް، ދުނިޔޭގެ ގައުމުތަކާއި ވެރިކަން ކުރާ ރަށްތައް އަދި ޑިސްޓްރިކްޓްތައް ތަސްވީރުތަކެއްގެ ސިފައިގައި ތައްޔާރުކޮށް ދަސްކޮށްދިންކަމަށް އޭނާގެ މަންމަ ބުންޏެވެ.

މިހާރު އެންމެ ދެ ރެކޯޑް އޮތަސް ކުރިޔަށް އޮތްތާނގައި ގިނަ ރެކޯޑްތައް ގާއިމްކުރުމަށް މާޔަން ތައްޔާރުކުރާނެކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ.