ލައިފްސްޓައިލް

ގުޅިފައިވާތީ މައިންބަފައިން އެއްލާލި ދެބެން މިހާރު ވަޒީފާގައި

އިންޑިއާގެ އަމްރިތުސަރްގައި ދިރިއުޅޭ ސޯހްނާ އާއި މޯހްނާ އަކީ ގުޅިފައިވާ ދެބެންނެވެ. ނަމަވެސް މި ދެބެން ގުޅިފައި ވުމަކީ އެމީހުންގެ ހުރި ނުކުޅެދުންތެރިކަމެއްގެ ގޮތުގައި އެމީހުން ނުދެކެ އެވެ. ހިތްވަރާއި އަޒުމާއެކު ކުރި މަސައްކަތުން މިހާރު ދެ ދެބެން ވަނީ ސަރުކާރުގެ ބޮޑު ކުންފުންޏަކުން ވަޒީފާ ހޯދާފަ އެވެ.

ޕަންޖާބު ސްޓޭޓް ޕަވާ ކޯޕަރޭޝަން ލިމިޓެޑް (ޕީއެސްޕީސީއެލް)ގެ އޮފިޝަލަކު ބުނި ގޮތުގައި އެ ދެބެންނަކީ މިހާރު އެ ކުންފުނީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ.

އުމުރުން 19 އަހަރުގެ މި ދެބެން އެ ކުންފުނީގައި މަސައްކަތް ކުރަން ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އެ ކުންފުނީގެ ކަރަންޓް ސާމާނުތައް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެފައިވަނީ މިހާރު މި ދެބެންނެވެ.

އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި ދެބެން ބުނީ މިފަދަ ވަޒީފާއެއް ދިން ކަމަށްޓަކައި ޕަންޖާބު ސްޓޭޓް ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިހާރު މި ދެބެން މަސައްކަތް ކުރަމުންދަނީ ސަޕްލައި ކޮންޓްރޯލް ރޫމްގަ އެވެ. ކުންފުނީގައި މަސައްކަތްކުރާ އެހެން މަސައްކަތްތެރީންނަށް މި މަސައްކަތުގައި ދެބެން އެހީތެރިވާނެ އެވެ.

ޕީއެސްޕީސީއެލްގެ ސަބްސްޓޭޝަން ޖޫނިއާ އިންޖިނިއާ ރަވިންދުރަ ކުމާރު ބުނި ގޮތުގައި ވަޒީފާ ލިބުނީ ސޯހްނާ އަށެވެ. މޯހްނާގެ މަސައްކަތަކީ ސޯހްނާ އަށް އެހީތެރިވުމެވެ.

ކުމާރު ބުނި ގޮތުގައި ދެބެންނަށް ވަޒީފާ ލިބުނީ މި މަސައްކަތް މީގެ ކުރިން ވެސް އެކުދިން ކޮށްފައިވާތީ ތަޖުރިބާ އަށް ބަލާފަ އެވެ. އަދި އެކުދިންގެ އަތުގައި އައިޓީއައި ޑިޕްލޮމާ (އިލެކްޓްރިކަލް) އޮތް ކަމަށް ވެސް ކުމާރު ބުންޏެވެ.

ގުޅިފައިވާ މި ދެބެން އުފަންވީ ޖޫން 14، 2003 ގައެވެ. ދެބެން ގުޅިފައި ވިޔަސް ދެބެންގެ ހަށިގަނޑުގައި ވަކި ދެ ހިތާއި އަތް އަދި ދެ ކިޑްނީ އާއި ވަކި ސްޕައިނަލް ކޯޑު ވެއެވެ. ނަމަވެސް ފުރަމޭ (ލިވާ) އާއި ގޯލް ބްލެޑާ އާއި ދެ ފައި ވަކިން ނެތުމުން އެ ބައިތައް ދެބެން ޖެހެނީ ޝެއާ ކުރާށެވެ.

އެންމެ ހިތާމަކުރަން ޖެހުނު ކަމަކީ ދެބެންގެ ހާލަތު ފެނިފައި އެ ދެބެންގެ މައިންބަފައިން އެކުދިން ނުބަލައި އެއްލާލުމެވެ. އެކުދިން އެއިމްސް އަށް ގެންގޮސް ޑޮކްޓަރަށް ދެއްކީ އެކުދިން ހޮވި މީހުންނެވެ. އަދި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެންޖީއޯ ތަކުގެ އެހީއާ އެކު ދެ ކުދިން ވަކިކުރަން އޮޕަރޭޝަން ކުރެވޭތޯ ވެސް ބަލާފައި ވެއެވެ. ނަމަވެސް ދެބެން ވަކި ކޮށްފިނަމަ ކޮންމެވެސް އެކަކަށް ދުނިޔޭގައި ނުހުރެވޭނެ ކަމަށާއި އަދި ދުނިޔޭގައި ހުންނަ ކުއްޖާއަށް ވެސް މުޅި އުމުރަށް ރަނގަޅު ނުވާ ވަރުގެ ނިއުރޮލޮޖިކަލް މައްސަލަތަކެއް ދިމާވެދާނެ ކަމަށް ޑޮކްޓަރުންނަށް ގަބޫލު ކުރެވިގެން ވަކި ނުކުރަން ނިންމީ އެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ދެބެން ގެންދިޔައީ ޕިންގަލްވާރާ އަށެވެ. މިއީ އަމްރިތުސަރުގައި ހުންނަ ޗެރިޓީ މަސައްކަތްކުރާ ސޮސައިޓީ އެކެވެ. މި ކުދިންނަށް ސޯހްނާ-މޯހްނާގެ ނަން ދިނީ ވެސް އެ ތަނުންނެވެ.