ހަބަރު

ބީއެމްއެލް އިން ހުޅުމާލެއަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރަނީ

  • ހުޅުމާލެއަށް ހާއްސަ އެއް ބިިލިއަން ރުފިޔާގެ ހައުސިން ފަންޑެއް
  • ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ގާއިމް ކުރަނީ
  • އެ ރަށުގެ ތަރައްގީއަށް އިތުރަށް އިންވެސްޓް ކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ނިންމައިފި އެވެ.

މިރޭ ހުޅުމާލޭގައި ބޭއްވި 24 ގަޑިއިރު ހިދުމަތްދޭ ސެލްފް ސާވިސް އޭޓީއެމްތައް ރަސްމީކޮށް ހުޅުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ހުޅުމާލެއަށް ހަލުވިކަމާއި އެކު އަންނަ އިޖްތިމާއީ އުމްރާނީ އަދި އިގްތިސޯދީ ތަރައްގީއާ ގުޅިގެން އެކުންފުނިން ހުލުމާލޭގައި ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރަން މިހާރު ރާވާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޯހިޔާވެހިކަން ހޯދުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން އެއްބިލިއަން ރުފިޔާގެ ހައުސިން ފަންޑެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ހިލީ ވިދާޅުވި އެވެ.

"މިކަން ވެގެންދާނީ ހުޅުމާލޭގައި ގެއެއް އެޅުމަށް ނުވަތަ ހުޅުމާލެއިން ގެއެއް ގަތުމަށް ބޭނުންވާ ގިނަ އަދަދެއްގެ މީހުންނަށް އުފާވެރި ހަބަރަކަށް ކަން ޔަގީން،" ހީލީ ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލޭގައި އަލަށް ވިޔަފާރި ފައްޓަން ބޭނުންވާ ފަރާތްތަކަށާއި ހުޅުމާލޭގައި މިހާރު ކުރިޔަށްދާ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވުމުގެ ގޮތުން ބިޒްނަސް ސެންޓަރެއް ގާއިމް ކުރަން ހަމަޖެހިފައިވާ ކަމަށް ހީލީ ވިދާޅުވި އެވެ. އެ ސެންޓަރު އަންނަ އަހަރު ގާއިމް ކުރާނެކަން އޭނާ އިއުލާން ކުރެއްވި އެވެ. އަދި މީތަނުގެ އެހީގައި ވިޔަފާރިވެރިންނަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ބެންކުން ފޯރުކޮށްދޭނެ ކަމަށް ހީލީ ވިދާޅުވި އެވެ.

މިރޭފެ ހަފްލާގައި ވާހަކަދައްކަމުން ހީލީ ވިދާޅުވީ ގޮތުގައި ހުޅުމާލެ ތަރައްގީވެ އާބާދީ ބޮޑުވަމުންދާތީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބީއެމްއެލްގެ ގިނަ އޭޓީއެމް ތަށް ވެސް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިރޭ ގާއިމް ކުރެވުނުއާ އޭޓީއެމް ތަކަކީ ހުޅުމާލެ ތަރައްގީ އަށް ކުރި އިންވެސްމަންޓުތަކުގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.