ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން އަހަރާ ގުޅުވައިގެން ބެނެލަކްސް ގައުމުތަކުގައި ނެރުނު ހާއްސަ ސްޓޭމްޕް ސެޓްތަކުގެ ސްވެނިއާ، ޓޫރިޒަމް މިނިސްޓްރީއަށް ހަދިޔާކޮށްފި އެވެ.
ސްޓޭމްޕް ތަކުގެ ސްވެނިއާ، ބެނެލަކްސް ގައުމުތަކުގެ ފަރާތުން މިނިސްޓްރީއަށް ހަދިޔާ ކުރެއްވީ ބެނެލަކްސް މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް އަދި ބެލްޖިއަމްގެ ފްލެންޑާސްގެ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެރާޑް ހުއިޓިންގު އެވެ. މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.
ހަދިޔާކޮށްފައިވަނީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ޖެހި ބެލްޖިއަމްގެ ސްޓޭމްޕް ސެޓާއި ނެދަލޭންޑުގެ ސްްޓޭމްޕް ސެޓާ އަދި ލަކްސަމްބާގުގެ ސްޓޭމްޕް ސެޓްގެ ސްވެނިއާ ތިން ޕްލާކެވެ.
ބެނެލަކްސް ގައުމުތަކުގެ ތެރޭގައި އާއި އިންޓަނޭޝަނަލް ޕޯސްޓުގެ ހިދުމަތަށް މިހާރު ބޭނުންކުރެވުމުންދާ މި ހާއްސަ ސްޓޭމްތަކަކީ މޯލްޑިވްސް ބެނެލަކްސް ފްރެންޑްޝިޕް ސޮސައިޓީގެ ފަރާތުން އެ ގައުމުތަކުގެ ޕޯސްޓް އޮފީހާއި ބްރެސެލްސްގައި ހުންނަ ދިވެހިރާއްޖޭގެ ޔޫރަޕިއަން ޔޫނިއަންގެ އެމްބަސީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ނެރުނު ސްޓޭމްޕް ސެޓް ތަކެކެވެ.
ބެނެލަކްސް ގައުމުތަކުގެ ތެރޭގައި ހިމެނެނީ ހުޅަނގު ޔޫރަޕްގެ ތިން ގައުމު ކަމަށްވާ ބެލްޖިއަމް އާއި ނެދަލޭންޑްސްއާއި ލަކްސަމްބާގެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ވެސް މުނާސަބަތާ ގުޅޭ ހާއްސަ ސްޓޭމްޕް ސެޓަކާއި ސްވެނިއަ ސެޓެއް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނެރުމަށް ހަމަޖެހިފައިވެ އެވެ. އެ ސްޓޭމްޕް ސެޓް ނެރެދެއްވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕައިނިއަރުންގެ ތެރޭގައި ހިމެނޭ އިޓަލީގެ ޖޯޖު ކޯބިން އަށް ޓޫރިޒަމް މިނިސްްޓްރީން ދައުވަތު ދީފައިވެ އެވެ.