މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް އިފްތިތާހުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ޕޯޓް ސޭފްޓީ ވީކް"ގެ ނަމުގައި އެމްޕީއެލްއިން ހަރަކާތެއް އިފްތިތާހުކޮށްފި އެވެ.

މިއަދު ހެނދުނު އެމްޕީއެލްގެ ޕޯޓް ސަރަަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މިއަދު އިފްތިތާހުކުރި ހަރަކާތުގެ ދަށުން ސޭފްޓީ އެވެއާނަސް ވޯކްޝޮޕްތަކެއް އެކި ފަރާތްތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ޕޯޓް ތެރޭގައި އެކްސިޑެންޓްތައް ހިނގާ ގޮތްތަކާއި ކުރިމަގުގައި މި އެކްސިޑެންޓްތައް ހިނގުން މެދުވެރިވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން މަޖޫރީންނާއި ޑްރައިވަރުންނަށް އަމާޒުކޮށްގެން ވެސް ޓްރެއިނިން ޕްރޮގްރާމްތައް ބާއްވާނެ ކަމުގައި ޝާހިދު ވިދާޅުވި އެވެ.

"އޭގެ އިތުރުން ހެލްތު ސްކްރީނިން ހިލޭ އަޅުގަނޑުމެންގެ ޓެންޓްގައި ހުންނާނެ. މި ޓެންޓްގައި ހަމަ ޕޯޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހިލޭ ސްކްރީނިން ހިލޭ ހެދޭނެ. ބައެއް ބޭސިކް ބްލަޑް ޕްރެޝަރާއި އަދި ބްލަޑް ޝުގާ ފަދަ ކަންކަން ސްކްރީން ކުރެވޭނެ. އަދި ފަސްޓް އެއިޑް ޓްރެއިން ޕްރޮގްރާމެއް ހިންގޭނެ. ދެން އެކްސިޑެންޓެއް ހިނގައިފިނަމަ ފުރަތަމަ ރެސްޕޮންޑްކުރާނެ ފަރާތްތައް ޓްރެއިން ކުރުމާއި ހަރަކާތްތެރިވާނެ ގޮތްތައް ގެންދިއުމާއި ބައެއް ޑްރިލްތައް ވެސް ކުރިއަށް ގެންދާނެ" ޝާހިދު ވިދާޅުވި އެވެ.

ސޭފްޓީ ވީކް ނިންމުމުގެ ގޮތުން "ސޭފްޓީ ވީކް ރަން"ގެ ނަމުގައި ހުޅުމާލޭގައި ދުވުމެއްވެސް ބާއްވަން ނިންމާފައިވެ އެވެ.

އެމްޕީއެލް އަދި ކުޑަކުދިންގެ ހައްގުގައި ވަކާލާތު ކުރާ ރާއްޖޭގެ ޖަމިއްޔާ "އާކް"ގެ އިތުރުން ރާއްޖޭގެ މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދާ މިދުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.