ރައްޔިތުންގެ މަޖިލިސް

އިހަވަންދިއްޕޮޅު ބަނދަރުގެ މަސައްކަތް ފަށަން ބާރުއަޅަނީ

އިވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭ މަގު ތަނަވެސް ކޮށްދިނުމަކީ ދައުލަތަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

މެމްބަރުން މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް މިއަދު ބޭއްވި އިގްތިސޯދީ ކޮމިޓީގައި ވާހަކަދައްކަވަމުންނެެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ މީގެ ކުރިން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ގާއިމުކުރުމާ ގުޅޭގޮތުން ބައެއް އިދާރާތަކުން މައުލޫމާތު ސާފު ކުރުމަށާއި، ކަމާ ގުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީގެ އިތުރުން، ޕޯޓް ހެލްތު، ކަސްޓަމްސްއާއި، އިކޮނޮމިކް މިނިސްޓްރީއާއި، އިމިގްރޭޝަނާއި، ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންއާއި އެމްޕީއެލް މެދުވެރިކޮށް ކޮމިޓީން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ދެ ޕްރޮޕޯސަލްއެއް ފޮނުވާފައިވާ ކަމަށާއި "ކޮންފިޑެންޝަލް" ޕްރޮޕޯސަލެއްގެ ގޮތުގައި ފޮނުވާފައިވާ ހުށަހެޅުންތައް ފިޔަވައި ދެން ހުރި މައުލޫމާތުތައް މެމްބަރުންނަށް ހިއްސާކޮށްފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ އިހަވަންދިއްޕޮޅަކީ ވަރަށް ކުރީ ޒަމާނުއްސުރެ ވިޔަފާރިވެރިން މުދާ ބާލައި، މުދާ އަރުވާ ސަރަޙައްދެއް ކަމަށެވެ. ނަަމަވެސް މުދާ ހިފައިގެން އަންނަ ބޯޓުފަހަރުތަކަށް އެ ސަރަހައްދުން ހިދުމަތް ދެވޭނެ މަގު ތަނަވަސްވެފައި ނުވާ ކަމަށެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޝިޕް-ޓު-ޝިޕް ޓްރާންސްފާގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތް ދިނުމާއި، ކެމިކަލް ސާފު ނުކުރާ ތެޔޮ އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުކުރުން ފަދަ ހިދުމަތްތައް އެ ސަރަހައްދުގައި މިހާރުވެސް ދެވޭނެ ކަމަށް." އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭ މަގު ތަނަވަސްވެގެން ދިއުމަކީ ބޮޑުތިލަދުންމައްޗާއި މުޅި ރާއްޖެއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމެއް ކަމަށެވެ. ހަތްދިހަ އަހަރު ވަންދެން އިގްތިސާދީ ގޮތުން ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށާއި ވީހާވެސް އަވަަހަށް އިހަވަންދިއްޕޮޅު ބަނދަރުގެ މަސައްކަތް ފެށޭނެ ގޮތަކަށް ކޮމިޓީގެ ރިޕޯޓް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމަށް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ބަނދަރުގެ ކަންކަން މިނިސްޓްރީން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މެމްބަރު ހުށަހެޅުއްވީ އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުކޮށް، އެ މަސައްކަތާ ގުޅޭ މައުލޫމާތު ސާފު ކުރުމަށެވެ.

އިސްމާއިލް އަހުމަދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އިވަންދިއްޕޮޅު ބަނދަރުގެ މަސައްކަތަކީ މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެން އޮތް ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރެވޭނީ ކޮންޓްރެކްޓާ ފައިނޭންސަށް ހުޅުވާލައިގެން ކަމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވި މައުލޫމާތުގައި ސީ މާޝަލްސްގެ ހިދުމަތް ދެވިދާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަތިޔާރު ރައްކާކުރާނެ ގޮތް އެ ސަރަހައްދުގައި ގާއިމު ކުރުން ހިމެނޭ ކަމަށް އެމިނިސްޓްރީން ބުނާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ޓްރާންސްޕޯޓުން ފާހަގަކޮށްފައިވާ ނުކުތާ ނެތް ކަމަށާއި އެއީ ބޮޑު ކަންބޮޑުވުމަކަށް ވާތީ އެ މައުލޫމާތު އިތުރަށް ސާފުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ސައީދަށް ރައްދު ދެއްވަމުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް ވިދާޅުވީ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައިވެސް ހަތިޔާރުގެ ވާހަކައާއި، އެކަމާ ގުޅިގެން ކޯސްޓްގާޑުން ފާހަގަކުރާ ނުކުތާތައް ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އޮޅުންއަރާ ގޮތަށް މުޅިން އެހެން މިސްރާބަކަށް ވާހަކަ ގެންދަވައި، ސިޔާސީ މަންފާއަށް މަސައްކަތް ނުކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުން ވެސް ވަނީ މި ގަރާރަކީ ރާއްޖެއަށް އިގްތިސާދީ ގޮތުން ހެޔޮ ބަދަލެއް ގެންނާނެ ފަދަ މަސައްކަތެއްކަން ހުށައެޅިފައިވާ ގަރާރެއްކަން ފާހަގަކުރައްވާފަ އެވެ. މި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައި މިއީ ރާއްޖޭގެ އިގްތިސާދަށްޓަކައި ކުރުން ރަނގަޅު މަސައްކަތެއްކަން ވެސް ފާހަގަކުރެއްވެވި އެވެ.

މިބައްދަލުވުމުގައި ވަނީ ދުވާފަރު ދާއިރާގެ މެމްބަރު އެދިވަޑައިގެންނެވި ގޮތަށް، އިކޮނޮމިކް މިނިސްޓްރީ ކޮމިޓީއަށް ހާޒިރުކުރުމަށް ހުރިހާ މެމްބަރުންގެ އަގްލަބިއްޔަތުން ފާސްކޮށްފަ އެވެ.