އިހަވަންދޫ

އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރަނީ

ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފި އެވެ.

މި ޑޮކްޔާޑް މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވި އެވެ. ނަމަވެސް މަޝްރޫއު ފަށާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

މިއީ ބޯޓުފަހަރު މަރާމާތު ކުރުމަށާއި އަޕްގްރޭޑް ކުރުމަށް ބަނދަރު ކުރެވޭ ގޮތަށް ތަރައްގީކުރާ ޑޮކްޔާޑެކެވެ.

މި ޑޮކްޔާޑްގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ބޯޓުފަހަރު މަރާމާތުކުރުން ފަސޭހަވެގެންދާނެ އެވެ.

މީގެ އިތުރުން މި ޑޮކްޔާޑާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.

އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް ނިންމާފައިވާއިރު ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.