ބޭރު ކުޅިވަރު

ވާޑީ އާއި މަހްރެޒް ގަނެވޭނެހާ ފައިސާ ހުރި ބަޔަކު ނުތިބޭނެ: ރަނިއޭރީ

އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި މިވަގުތު އޮތް ލެސްޓާ ސިޓީގެ ދެ ފޯވަޑުން ކަމަށްވާ ޖިމީ ވާޑީ އާއި ރިޔާދް މަހްރެޒް ގަނެވޭނެހާ ހުރި ކުލަބެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ ޗެލްސީ އަތުން 2-1އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.

"އެދެ މީހުން ޖެނުއަރީ (ޓްރާންސްފާގައި) ގަނެވޭނެ ކުލަބެއް ނެތް. އެމީހުން ގަންނާކަށް ފައިސާއެއް ނުހުންނާނެ. އަދި އެމީހުން ވިއްކާނެ އަގެއް ވެސް ނެތް،" ރަނިއޭރީ ބުންޏެވެ.

ޖެހިޖެހިގެން 10 މެޗުގައި ލަނޑުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވަޑް ރުޑްވޭން ނިސްޓެރޫއިގެ ރެކޯޑް މުގުރާލާފައިވާ ވާޑީއަކީ 2012 ވަނަ އަހަރު އެއް މިލިއަން ޕައުންޑަށް ލެސްޓާ އަށް ގެނައި ކުޅުންތެރިއެކެވެ. އެއިރު އޭނާ ކުޅެމުންދިޔައީ ވާދަވެރި ލީގެއްގައެއްނޫނެވެ.

ނަމަވެސް މި ސީޒަނުގައި ޕްރެމިއާ ލީގުގެ މިހާރުގެ ޓޮޕް ސްކޯރަރަކީ އޭނާ އެވެ. މިހެންވެ ވާޑީ ގަތުމަށް ޗެލްސީއާއެކު ބޮޑެތި ކުލަބުތަކުން ވަނީ ކިޔޫ ހަދައިފަ އެވެ.

މަހްރެޒް އަކީ ފްރާންސްގެ ދެ ވަނަ ޑިވިޝަނުގައި ކުޅެނިކޮށް މިދިޔަ އަހަރު އެންމެ ހަތަރު ލައްކަ ޕައުންޑަށް ގަތް ކުޅުންތެރިއެކެވެ.

ރަނިއޭރޯ ބުނީ 35 ޕޮއިންޓާއެކު އޭނާގެ ޓީމު ލީގުގެ އެއްވަނާގައި އޮތުމަކީ ވަރަށް ބޮޑު ހައިރާންކަމެއް ކަމަށާއި 40 ޕޮއިންޓް ހޯދިއްޖެނަމަ އެމީހުންގެ މަގްސަދު ހާސިލްވީ ކަމަށެވެ.