ޗެލްސީ އަދި އެސްޓަން ވިލާ ރޭ ވާދަކުރި މެޗުން ޗެލްސީ މޮޅުވުމާއި އެކު ލީގު ހޯދުމަށް އޮތް ވާދަވެރިކަން ޗެލްސީ، ލިވަޕޫލް އަދި ސިޓީގެ މެދުގައި ބޮޑުވެއްޖެ އެވެ.
އެސްޓަންވިލާގެ ދަނޑުގައި ކުޅެވުނު މި މެޗް ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.
މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިޓަލީގެ ޖޯޖީނިއޯ އަދި ދެވަނަ ހާފުގައި ކުޅެން އެރުވި ބެލްޖިއަމްގެ ކުޅަދާނަ ފޯވާޑް ރޮމެރޫ ލުކާކޫ އެވެ.
ޖޯޖީނިއޯ ވަނީ މި މެޗުގައި ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އޭނާ ޖެހި ދެވަނަ ގޯލަކީ އިތުރު ވަގުތުގައި އޭރިޔާ ތެރެއިން ލުކާކޫ އަށް އެސްޓަން ވިލާގެ ޑިފެންޑަރު ކޮންސާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެއްގައި ކާމިޔާބު ކުރި ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ޖޯޖީނިއޮ އެވެ.
މެންޗެސްޓާ ސިޓީ އަދި ލެސްޓަ ސިޓީ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވެ އެއްވަނައިގައި އޮތް ނަމަވެސް އެއީ ޗެލްސީ އަދި ލިވަޕޫލަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.
ލީގުގައި އަންނަ ހަފްތާ ޗެލްސީ ވާދަކުރުމަށް ހަމަޖެހިފައި ވަނީ ބްރައިޓަން އާއެެވެ.