ކުޅިވަރު

ލިވަޕޫލާއި ސިޓީ ރޭހުގައި ކުރިއަށް، ޗެލްސީ ތިނަކަށް

ސެޑިއޯ މާނޭ މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑު އެސްޓަން ވިލާގެ މައްޗަށް 2-1 އިން ލިވަޕޫލް ކާމިޔާބު ހޯދައި ތާވަލުގެ އެއް ވަނައިގައި ކުރިއަށް ދިޔައިރު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީވެސް ވަނީ ސައުތު ހެމްޓަންގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދެ ވަނައިގައި ވިއްދައިފަ އެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗު ފުރަތަމަ ލީޑް ނެގީވެސް އެ ޓީމުންނެވެ. މެޗުގެ 21 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ މިސްރުގެ މަހްމޫދު އަހްމަދު ޓްރެޒްގޭޓް އެވެ. މެޗުގެ 87 ވަނަ މިނެޓާ ހަމައަށް ދިޔައިރުވެސް ލިވަޕޫލް އޮތީ ފަހަތުގަ އެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަހަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކުރީ އެންޑްރޫ ރޮބަޓްސަން އެވެ.

މިހާރު އެއް ވަނައިގައި އޮތް ލިޑް ފަރަގު ކުޑަ ވުމުގެ ފުރުސަތެއް ދޭކަށް ލިވަޕޫލްގެ ކުޅުންތެރިން ބޭނުމެއް ނުވި އެވެ. އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕްވެސް މެޗަށް ފަހު ފާހަގަ ކުރީ އެކަންތަކެވެ. އެ ޓީމު މެޗުން މޮޅުކޮށްދިން ލަނޑު މާނޭ ކާމިޔާބު ކުރީ މެޗުގެ 93 ވަނަ މިނެޓްގަ އެވެ.

ސައުތު ހެމްޓަން އާ މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައިވެސް މެޗުގެ ބޮޑު ބަޔަކާ ހަމައަށް ސައުތުހެމްޓަން ދިޔައީ ލިޑްގައި ހިފަހައްޓަމުންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޭމްސް ވާޑް ޕްރޯސް އެވެ. ސިޓީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެވެ. މެޗުން ސިޓީ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ކައިލް ވޯކާ އެވެ.

ވަޓްފޯޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޗެލްސީން ވަނީ ލީގްގެ ތިން ވަނަ މަގާމަށް ޖެހިލާފަ އެވެ. ޗެލްސީގެ ލަނޑުތައް ކާމިޔާބު ކުރީ އަބްރަހަމް އާއި ކްރިސްޓިއަން ޕުލިސިކް އެވެ. ވަޓްފޯޑްގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޖެރާޑް ޑެލޭފެއު އެވެ.

އިއްޔެ ބޯންމައުތު ވަނީ މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 1-0 އިން މޮޅުވެފަ އެވެ. އާސެނަލް އާއި ވުލްވާ ހެމްޓަން ވޮންޑަރާސް ކުޅުނު މެޗުވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.