ހަބަރު

ޑްރަގުގެ ބޮޑު ނެޓްވޯކެއް ހިންގި ސަފާ ހައި ކޯޓުން މިނިވަންކޮށްފި

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކް ހިންގި ކަން ސާބިތުވެ 18 އަހަރަށް ޖަލަށްލީ މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް އޭނާ މިނިވަންކޮށްފި އެވެ.

ޑްރަގްގެ ބޮޑު ނެޓްވޯކެއް ހިންގި ކަމަށް ތުހުމަތު ކުރެވުނު ސަފާ 18 އަހަރަށް ޖަލަށްލުމަށާއި 75،000ރ. އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2013 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.

އެ މައްސަލަ ސަފާގެ ފަރާތުން އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކުރީ ގާނޫނާއި ޚިލާފަށް ހެކި ހޯދި ކަމަށް ބުނެއެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ވެސްޓަން ޔޫނިއަން މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ހުރި މީހަކަށް ފައިސާ ފޮނުވި ކަމަށް ބުނެ ކޯޓަށް ހުށަހަޅާފައިވާ ލިޔުންތައް ހޯދާފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި އެހެންވެ އެ ހެކި ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އެ ފައިސާ ފޮނުވާފައިވަނީ 2006 ވަނަ އަހަރު ކަމަށް ވާއިރު އެ މައްސަލައިގެ ތުހުމަތުގައި ސަފާގެ ފޯން ކޯލް އަޑުއަހާފައިވަނީ 2011 ގައި ކަމުން އެ ދެމެދު ދިގު މުއްދަތެއް ވޭތުވެގެން ގޮސްފައިވާ ކަން ވެސް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވާ ގޮތުން އެ މައްސަލައިގައި ގާނޫނާ އެއްގޮތަށް ހޯދާފައިވަނީ ސަފާގެ ފޯން ކޯލް ރިކޯޑިންގެ އެނަލައިސިސް ރިޕޯޓް ކަމަށްވާއިރު ގާނޫނީ ގޮތުން ބަލާއިރު އެ ރިޕޯޓަކީ ގަރީނާއެއް ކަމަށާއި ގަރީނާއެއްގެ މައްޗަށް ބިިނާކޮށް ކުށެއް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެހެންވެ ސަފާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ ގާނޫނު އަސާސީގައި ބުނާ މިންވަރަށް އެ ކުށް ސާބިތު ކުރުމަށް އެކަށީގެންވާ މިންވަރުގެ ހެކިތަކެއް ނޫން ކަމަށް ހައި ކޯޓުގެ އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޔޫސުފް ހުސައިންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ސަފާ ހައްޔަރުކުރި މައްސަލައިގައި 2011 ގައި ސަފާގެ އިތުރުން އިތުރު ފަސް މީހަކު ވެސް ދިގު މުއްދަތުތަކަށް ޖަލަށްލާން ދަށު ކޯޓުން 2013 ގައި ހުކުމްކުރި ނަމަވެސް މީގެ ކުރިން އޭގެ ތެރެއިން ދެ މީހަކު ހައި ކޯޓުން ވަނީ މިނިވަންކޮށްފަ އެވެ. އެ ދެ މީހުން ހައި ކޯޓުން މިނިވަންކޮށްފައިވަނީ ގާނޫނާ ޚިލާފަށް ފުލުހުން ހެކި ހޯދާފައިވާ ކަމަށް ބުނެއެވެ.

ޖަލު ހުކުމުގައި ހުއްޓާ ގަވާއިދާ ޚިލާފަށް ސަފާ ލަންކާއަށް ފުރުވާލި މައްސަލައިގައި ހޯމް މިނިސްޓަރުގެ ނައިބު އަހުމަދު ހާނިމާއި ކަރެކްޝަނަލް ސާވިސްގެ ބައެއް އިސްވެރިންނާއި މެޑިކަލް ބޯޑުގެ ދެ މެމްބަރެއްގެ މައްޗަށް ޖިނާއީ ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ނެޓްވޯކް އަތުލައިގަތްއިރު 800 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ނެޓްވޯކަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.

ސަފާ ރާއްޖެ ގެނައީ އޭނާ ބޭސްފަރުވާއަށް ފޮނުވާލި މުއްދަތު ހަމަވުމުން ވެސް ރާއްޖެ ނައިސް ލަންކާގައި އުޅެމުން ދަނިކޮށް އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.