އެމްއެންޑީއެފް

ރާއްޖެ ހިމެނޭ އިސްލާމީ ލަޝްކަރެއް ސައުދީ އިން އެކުލަވާލައިފި

Dec 15, 2015
1
  • 34 ގައުމު ހިމެނޭ
  • މައިގަނޑު ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުން
  • އެ ގައުމެއް އެދޭ މިންވަރަކަށް ފައުޖަށް އެހީވެވޭނެ

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރާއްޖެ އާ އެކު 34 އިސްލާމީ ގައުމެއް އެކުވެގެން އަސްކަރީ ފައުޖެއް އެކުލަވާލުމަށް އެއްބަސްވެ އެކަން އިއުލާން ކޮށްފި އެވެ.

ސައުދީ އަރަބިއްޔާ އިން ކޮމާންޑަރެއްގެ ރޯލް ކުޅޭ މި ފައުޖާ ގުޅޭ ގޮތުން ގުޅިފައިވާ ގައުމުތަކުން ނެރުނު ބަޔާނެއްގައި ބުނީ، މި ފައުޖުގެ މައިގަނޑު ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރުން ކަމަށެވެ. އަދި ފައުޖުގެ ކޮމާންޑް ސެންޓަރު ހުންނާނީ ސައުދީ އަރަބިއްޔާގެ ވެރިވަށް ރިޔާޒްގަ އެވެ. ވޭތުވެ 72 ގަނޑިއިރުގެ ތެރޭގައި 34 ގައުމެއް ވަނީ ފައުޖުގެ ރިޒޮލިއުޝަންގައި ސޮއިކޮށްފައި ކަމަށް ސައުދީ ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން؛ ސައޫދީ، ޖޯޑްން، އެމިރޭޓްސް، ޕާކިސްތާން، ބަހްރައިން، ބަނގްލަދޭޝް، ބެނިން، ތުރުކީ، ޗާޑް، ޓޯގޯ، ތޫނިސް، ޖިބޫތީ، ސެނެގާލް، ސޫދާން، ސިއެރަލިއޯން، ސޯމާލިޔާ، ގެބޯން، ގިނީ، ފަލަސްތީން، ކޮމިރޯސް، ގަތަރު، ކޮއްޑިވޯރް، ކުވައިތު، ލުބްނާން، ލީބިޔާ، މާލީ، މެލޭޝިޔާ، މިސްރު، މޮރޮކޯ، މޮރިޓޭނިޔާ، ނައިޖަރް، ނައިޖީރިޔާ އަދި ޔަމަނެވެ.

މީގެ އިތުރުން އިތުރު 10 ގައުމެއް އެ ފައުޖާ ގުޅުމުގެ މަޝްވާރާތައް ކުރާ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

ސައުދީ އިން ބުނާ ގޮތުގައި، މި ފައުޖަކީ ޔަމަނަށް ހަމަލާދިނުމަށް އުފެއްދި ފަދަ އަސްކަރީ ގުޅުމެއް ނޫނެވެ. އަދި މި ފައުޖުގައި ބައިވެރިވާ ގައުމުތަކަށް އެ ގައުމެއް ބޭނުންވާ މިންވަރަކަށް ފައުޖުގައި ބައިވެރިވެ އެހީތެރި ވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މި ފައުޖު މަސައްކަތް ކުރާނީ ދުނިޔޭގައި އުފެދިފައިވާ އެހެން ވެސް މިފަދަ ދުނިޔޭގެ ގުޅުންތަކާ ވެސް ގުޅިގެން ކަމަށް ސައުދީ އިން ވަނީ ހާމަކޮށްފަ އެވެ.