ސައުދީ އަަރަބިއްޔާ

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން - (އައިއެމްސީޓީސީ)ގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމޮޣައިދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، އެމްއެންޑީއެފްގެ ލީޑާޝިޕާއެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.

ޑިފެންސް މިނިސްޓަރުގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މުހިންމު މަސައްކަތުގައި އައިއެމްސީޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިގޮތުން އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ އިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން މި މަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މިއަދު ކުރެއްވި ޒިޔާރަތުގައި ޓެރަރިޒަމްގެ ނުރައްކަލާއި ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ޑިޕްލޯއިކޮށްފައިވާ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖަންޓްގެ ފަރާތުން އެ ކޯލިޝަނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހި އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖަންޓެއް ވަނީ ޑިޕްލޯއިކޮށްފައެވެ. އެ ކޮންޓިންޖެންޓް ޑިޕްލޯއިކޮށްފައިވާ މުއްދަތު އިތުރުކޮށް މިހާރު ވެސް އެސެންޓަރުގައި ދިވެހި ސިފައިންގެ ކޮންޓިންޖަންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ގައުމަކުން ވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.