މާރިޔާ އަހުމަދު ދީދީ

"ޓެރަރިޒަމާ ދެކޮޅު ކޯލިޝަންގައި މަސައްކަތްކުރާ ސިފައިންނަށް ތައުރީފު"

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަމަލީ ގޮތުން މަސައްކަތް ކުރުމަށް ދިވެހި ސިފައިން އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމެއްގައި ހަރަކާތްތެރިވާން ދިޔުމަކީ ސަރުކާރުން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅޭ "ޒީރޯ ޓޮލެރަންސް" ސިޔާސަތަށް ލިބުނު ކުރިއެރުމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ "އައްޑަނަ" މަޖައްލާއަށް މި ހަފްތާގައި ލިޔުއްވި ލިޔުއްވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން" ގެ ކައުންޓަރު ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރިވުމަށްޓަކައި ދިވެހި ހަތަރު ސިފައިން ފުރުމަކީ ޓެރަރިޒަމާ ދެކޮޅު ސިޔާސަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު، މިއީ އެއް ގައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ނުރައްކަލެއް ނޫން ކަަމަށް އެކަމަނާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

"އެހެން ކަމުން، ދޭދޭ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ދުނިޔޭގެ ތާރީހަށް ބެލިއަސް، ބައިނަލްއަގުވާމީ މައްސަލަތައް ހައްލު ކުރަން އޮތް އެންމެ އެކަށޭނަ އެއް މަގު،" މާރިޔާ ވިދާޅުވިއެވެ.

"އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން" އަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ގުޅިގެން މަސައްކަތްކުރަން ސައުދީން އުފެއްދި ކޯލިޝަނެކެވެ. އިސްލާމީ ގައުމުތައް ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން 2015 ވަނަ އަހަރު އުފެއްދި އެ ކޯލިޝަނު ގައި 41 ގައުމެއް ބައިވެރިވެފައި ވެއެވެ.

ރާއްޖެއިން އެ ކޯލިޝަންގައި މަސައްކަތް ކުރަން ގޮސްފައިވަނީ ކާނަލް މުހައްމަދު މުހުތާރާއި، މޭޖާ މުހައްމަދު ސާމިރާއި، ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ ގެ އިތުރުން ވޮރަންޓް އޮފިސާ ގްރޭޑް އެކެއް މިފްތާހް ހުސައިނެވެ. އެ މީހުން ސައުދީގެ ވެރިރަށް ރިއާދުގައި ގާއިމް ކޮށްފައިވާ ސެންޓަރުގައި އެއް އަހަރު ދުވަހު މަސައްކަތް ކުރާނެ އެވެ.