އަބްދުﷲ ޝަމާލް

ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށްވުރެ ރޭ ގޮއްވާލި އަައިއީޑީ އެތައް ދަރަޖައެއް ބާރުގަދަ

ސަލްޓަންޕާކުގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީއަށް ވުރެ ރޭ ގޮއްވާލި އަައިއީޑީ އެތައް ދަރަޖައެއް ބާރުގަދަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅިގެން މިރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ވިދާޅުވީ ރޭ ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ވަރަށް ބާރުގަދަ ޑިވައިސްއެއް ކަމަށެވެ.

އައިއީޑީގެ "ބްލާސްޓް އިފެކްޓް" އާއި އަޑާއި އެ ނޫން ކަންކަމަށް ބަލާއިރުވެސް އެއީ ބާރުގަދަ ޑިވައިސްއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދެހާސްހަތްވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި އައިއީޑީއާ މި އައިއީޑީއާ ބަލާއިރުގައި މި އައިއީޑީ އަކީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން. އަދި މި އައިއީޑީގެ 'ބްލާސްޓް އިފެކްޓް' އާއި މީގެ އަޑާ މިނޫން ކަންކަމަށް ބަލާއިރުވެސް އެތަށް ދަރަޖައެއް މަތި، އަނެއްހެން ވަރަށް ބާރުގަދަ ޑިވައިސްއެއް ކަން މިއީ. އަދި މީގެތެރޭގައި ހުރި ގިނަ އަދަދަކަށް ރޭޒާ ފުއްލާފައި. އެއީ ހަމަލަ ވަރުގަދަ ކުރުމަށް،" ޗީފް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ އެއީ ބާރުގަދަ އައިއީޑީއެއް ކަމަށްވީ ނަމަވެސް އެއީ ފަސޭހައިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ހަދާފައިވާ "ހޯމް މޭޑް" އައިއީޑީ އެއް ކަމަށެވެ. އަދި އެއީ އަމިއްލަ އަށް ގޮވާ ގޮތަށް ވަކި ވަގުތަކަށް ސެޓްކޮށްފައި އޮތް ޑިވައިސް އެއް ނޫން ކަން ޔަގީންކޮށްދެއްވި އެވެ. އައިއީޑީގެ އެސެސްމަންޓް ހެދިއިރު އެއީ ކޮމާންޑް ޑިޓޮނޭޝަނެއް ކަމަށް އެނގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ޑިޓޮނޭޓެޑް ކޮމާންޑަކީ އައިއީޑީ ގޮއްވާލާ މީހާއަށް އެ އެއްޗެއް ފެނިގެން އިތުރު ވަސީލަތެއް ބޭނުންކޮށްގެން ގޮއްވާލުން ކަމަށް ސިފަކުރެއްވި އެވެ.

ދެހާސްހަތްވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި އައިއީޑީއާ މި އައިއީޑީއާ ބަލާއިރުގައި މި އައިއީޑީ އަކީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން. އަދި މި އައިއީޑީގެ 'ބްލާސްޓް އިފެކްޓް' އާއި މީގެ އަޑާ މިނޫން ކަންކަމަށް ބަލާއިރުވެސް އެތަށް ދަރަޖައެއް މަތި، އަނެއްހެން ވަރަށް ބާރުގަދަ ޑިވައިސްއެއް ކަން މިއީ. އަދި މީގެތެރޭގައި ހުރި ގިނަ އަދަދަކަށް ރޭޒާ ފުއްލާފައި. އެއީ ހަމަލަ ވަރުގަދަ ކުރުމަށް
އަބްދުﷲ ޝަމާލް | ޗީފް އޮފް ޑިފެންސް ފޯސް

ސިފައިންނަށް އަބަދުވެސް އެކި ކަންކަމާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތު ލިބޭ ކަމަށްވެސް ޝަމާލް ވިދާޅުވި އެވެ. އަދި އެގޮތަށް ލިބޭ މައުލޫމާތު ތަކަށް އަބަދުވެސް ސަމާލުވެ އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުން އަޅަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ.

ރޭގެ ހަމަލާ އާއި ގުޅިގެން ސިފައިންގެ އެލާޓް ލެވަލް މިވަގުތު ހުރީ އެންމެ މަތީ ލެވަލް "އެމްބާ" އަށް ނަގާފަ އެވެ. އެހެންވެ މި ހާލަތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ހުރިހާ ސިފައިން ވެސް އެ މީހުންގެ މަރުކަޒުތަކަށް ރިޕޯޓްކޮށް ހުރިހާ ވަގުތަކު ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.