ރައްޔިތުން ބިރު ގަންނަވާފައި ޓެރަރިސްޓުންނަށް ފިލާ ނުތިބެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ޑިފެންސް މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިނިސްޓަރު ވަނީ ޓެރަރިޒަމުގެ އަމަލުތައް ހިންގާ ރައްޔިތުންނަށް ހަމަލާ ދިނުމަށް ފަހު އެއްވެސް ބަޔަކަށް ފިލާ ނުތިބެވޭނެ ކަން އެނގެންވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއަދު އެ ފިލާތިބެ ނުރައްކާ ހަމަލާ ދިން މީހުން ވިސްނަވައްޗޭ އަޅުގަނޑު ދަންނަވާނީ އެ މީހުންނާ ދިމާއަށް ޔުނީފޯމް އެޅި ބޭފުޅުން ވަޑައިގަންނަވާނެއޭ. އެ ބޭފުޅުން އެ ތިބި ތަނަކުން، މިރާއްޖޭގެ މީހުން ބިރުގަންނަވައިގެން ނުގެންދެވޭނެކަން ޔަގީން ކުރާށޭ. އަޅުގަނޑަށް މިއަދު ފެއިތު އެބައޮތް އެހެން ބިރުގަންނަވާފައެއް ނުބޭތިއްބޭނެ ކަން. މި ބޭފުޅުން [ސިފައިން] ހަރަކާތްތެރިވާނެ. ކުރަންވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް އެ ބޭފުޅުން ކުރައްވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް ހަމަ ޔަގީނުންވެސް މި ބޭފުޅުންގެ ފަރާތުން ލިބިވަޑައިގަންނަވާ،" މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަންޖެހޭ ވަގުތުގައި އަޅަމުން ގެންދާނެ ކަމަށާ ޓެރަރިސްޓުންނަށް އެއްވެސް ޖާގައެއް ފުރުސަތެއް ނުދޭނެ ކަމަށެވެ.
މިއަދު އެ ފިލާތިބެ ނުރައްކާ ހަމަލާ ދިން މީހުން ވިސްނަވައްޗޭ އަޅުގަނޑު ދަންނަވާނީ އެ މީހުންނާ ދިމާއަށް ޔުނީފޯމް އެޅި ބޭފުޅުން ވަޑައިގަންނަވާނެއޭ. އެ ބޭފުޅުން އެ ތިބި ތަނަކުން، މިރާއްޖޭގެ މީހުން ބިރުގަންނަވައިގެން ނުގެންދެވޭނެކަން ޔަގީން ކުރާށޭ. އަޅުގަނޑަށް މިއަދު ފެއިތު އެބައޮތް އެހެން ބިރުގަންނަވާފައެއް ނުބޭތިއްބޭނެ ކަން. މި ބޭފުޅުން [ސިފައިން] ހަރަކާތްތެރިވާނެ. ކުރަންވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް އެ ބޭފުޅުން ކުރައްވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް ހަމަ ޔަގީނުންވެސް މި ބޭފުޅުންގެ ފަރާތުން ލިބިވަޑައިގަންނަވާމާރިޔާ އަހުމަދު ދީދީ | ޑިފެންސް މިނިސްޓަރު
ރޭގެ ހާދިސާގައި ރައީސް ނަޝީދުގެ ބޮޑީގާޑުން އަމަލުކޮށްފައިވާ ގޮތަށްވެސް މިނިސްޓަރު ވަނީ ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ސީންގައި ތިބި ސިފައިން އެމީހުންނަށް ދީފައިވާ ތަމްރީންގެ ބޭނުން ހިފައި، އެ ހާލަތުގައި އަމަލުކުރަން އޮންނަ އެންމެ ރަނގަޅަށް އަމަލުކޮށް އަވަސް ފަރުވާ އަވަހަށް ރައީސް ނަޝީދަށް ލިބޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ.
"ފުރަތަމަ ކާރުކޮޅު ދުއްވައިނުގަތީމަ ދެވަނަ ކާރުކޮޅަށް އަތުން ނަންގަވައިގެން ގެންގޮސް ލައްވައިގެން ގެންދެވި މަންޒަރު ކިޔާދީ ހެއްދެވީމަ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ވަރަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް އެ ބޭފުޅުން [ރައީސް ނަޝީދުގެ ހަށިފާރަވެރިން] ކުރައްވައިފި. އެހެންވީމަ އެކަމަށް އެމްއެންޑީއެފްގެ ލީޑާޝިޕަށާއި އެ ކުދިންނަށް ތައުރީފު ކުރަން،" މާރިޔާ ވިދާޅުވިއެވެ.