ރައީސް މުހައްމަދު ނަޝީދު

ގޯތި ވިއްކުމާ ދެކޮޅަަށް ނަޝީދު ނިކުންނަވައިފި

ހުޅުމާލެއިން 60 ގޯތި ވިއްކަން ހައުސިން ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމުން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާ އެ ނިންމުމާ ދެކޮޅަށް ނިކުންވައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯތި ވިއްކަން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ކަމަށެވެ.

އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓުގައި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ. އަދި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ބިންތައް ވިއްކަން ނިންމާފައިވަނީ ހުޅުމާލޭގެ އަތިރިމަތީ "ބީޗް ފްރޮންޓު" ސަރަހައްދުންނާއި އަދި އަތިރިމަތި ކައިރިން "ބީޗު ސައިޑު" ނެވެ. މީގެ ތެރެއިން "ބީޗް ފްރޮންޓު" ސަރަހައްދަށް ބީލަށް ފޯމް އަންނަ ފެބްރުއަރީ ހައެއްގެ ކުރިން ހުށަހަޅަން ޖެހޭއިރު "ބީޗު ސައިޑު" އަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 16އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ނިންމުން ބަދަލު ކުރަން ނަޝީދުވެސް ނިސްބަތްވެވަޑައިގަންނަވާ ސަރުކާރަށް ގޮވާލެެއްވިއެވެ.