ޔަމީ ގޯތަމް އަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ބިޒީ އެއް ބަތަލާ އެވެ. ނަމަވެސް ދާދިފަހުން އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކުރި ވާހަކަ އަކުން ގިނަ ބަޔަކު ވަނީ އޭނާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވެފަ އެވެ.
ޔާމީ ބުނި ގޮތުގައި ފާއިތުވީ އެތައް އަހަރަކުއްސުރެ އޭނާ ގެންދަނީ ކެރަޓޯސިސް ޕިލާރިސް ކިޔާ ހަމުގެ ބައްޔަކަށް ބޭސް ކުރަމުންނެވެ. ބަލީގެ ސަބަބުން އޭނާގެ ހަންގަނޑު ކުރަކިވެ، ހަމުގައި ބޮޑެތި ލައްތަކެއް ޖަހައި މުޅި ގައިގައި ބިހިތަކެއް ނަގާ ކަމަށް ޔާމީ ބުންޏެވެ.
ޔާމީ ބުނި ގޮތުގައި ފޮޓޯޝޫޓްތަކުގައި ބައެއް މީހުންނަށް އޭނާގެ ހަމުގައި ހުންނަ މި މައްސަލަތައް ފާހަގަ ކުރެވި އެ ތަންތަން އެއާ ބްރަޝް އިން ފޮހެން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކާ އަޑު އިވޭ ކަމަށެވެ. އަދި އެކަހަލަ ވާހަކަތައް އިވުމުން އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ލޮޅުން އަރާ ކަމަށާއި އެ އިތުބާރު އަނބުރާ ހޯދަން އެތައް އަހަރެއް ނެގި ކަމަށް ޔާމީ ބުންޏެވެ.
އޭނާގެ ހަމުގައި ހުރި މައްސަލަތައް ދައްކާލަން ޔާމީ ވަނީ އެއްގޮތަކަށް ވެސް އެޑިޓް ނުކޮށް ހުރި އޭނާގެ ބައެއް ފޮޓޯތައް ވެސް ޝެއާ ކޮށްފަ އެވެ. އަދި އެ ތަންތަން އެއާ ބްރަޝް އިން ފޮރުވަން މީހުން މަޝްވަރާ ކުރާ އަޑު އިވުމުން ވަރަށް އަސަރުކުރާ ކަމަށް ޔާމީ ބުންޏެވެ.
"އަހަރެންގެ މި ބަލީގެ ވާހަކަ އަދި އަޑުއަހާފައި ނެތް މީހުން ކައިރީގައި ބުނެލަން ބޭނުންވަނީ މިއީ މީހުން އެ ބުނާހާ ގޯސް ބައްޔެއް ނޫނެވެ. ވަރަށް ކުދިކުދި ބިހިތަކެއް ބަލީގެ ސަބަބުން ހަށިގަނޑުގައި ނަގަނީ. މީހުން މިއީ މާ ބޮޑު ކަމަކަށް ހަދައިގެން އުޅެނީ،" ޔާމީ ބުންޏެވެ.
ޔާމީ ބުނި ގޮތުގައި އޭނާއަށް މި ބަލި ޖެހުނި ޓީންއޭޖް އުމުރުގަ އެވެ. އަދި އެއްވެސް ފަރުވާއެއް ހޯދިފައި ނެތް މި ބަލި ތަހައްމަލު ކުރާތާ އެތައް އަހަރެއް ވީއިރުވެސް އެ ވާހަކަ ދައްކަން ނުކެރިގެން ހުރީ ކަމަށެވެ.
"އަހަރެން ހިތަށް އެރި އެންމެން ކައިރީ މި ވާހަކަ ބުނެ ހިތުގައިވާ ހުރިހާ ބުރައަކާއި ހިތްހަމަނުޖެހުމެއް ފިލުވާލަންވީއޭ. އެހެން ހިތާ މި ވާހަކަ ޝެއާ ކުރީ،" ޔާމީ ބުންޏެވެ.