ލައިފްސްޓައިލް

އައިފޯން 13 އޯޑަރު ކުރީމަ ލިބުނީ ދެ ޗޮކްލެޓް

އޮންލައިން ކޮށް ވިޔަފާރިކުރުމަކީ ފަސޭހަ އަދި ވަގުތު ސަލާމަތް ކުރެވޭ ކަމެކެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބޭނުން އެއްޗެއް އޯޑަރު ކޮށްލާފައި ފައިސާ ދައްކާލުމުން ދެ ތިން ހަފުތާ ތެރޭ އެމީހަކާ ހަމައަށް އެ ފޯރަ އެވެ. ނަމަވެސް އޮންލައިން ވިޔަފާރިކުރަން ޖެހޭނީ އޭގެން ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެކަމަށް ވިސްނައިގެންނެވެ. ސަބަބަކީ އެ މީހާ އެ އޯޑަރު ކުރާ އެތި ނޫން މުޅިން އެހެން އެއްޗެއް ލިބުމުގެ ފުރުސަތު އޮންނާތީ އެވެ.

އިންގްލެންޑްގެ ލީޑްސްގައި ދިރިއުޅޭ ޑެނިއަލް ކެރޯލް އަށް ދިމާވީ މިފަދަ ގޮތެކެވެ. އޭނާ 1000 ޑޮލަރު ދީފައި އައިފޯން 13 އަކަށް އޯޑަރު ދިނެވެ. ނަމަވެސް އޭނާއާ ހަމައަށް ޕާރުސަލް އައިއިރު އޭގައި އޮތީ ކެޑްބަރީ ދެ ޗޮކްލެޓެވެ.

އެ ޕާރުސަލް އޭނާއަށް ލިބުނީ ވެސް ކަނޑައެޅިފައިވާ ތާރީޚަށް ވުރެ ދެ ހަފުތާ ފަހުންނެވެ. ލިބުނުއިރު ވެސް އޮތީ އޭނާ އޯޑަރު ކުރި ފޯނެއް ނޫނެވެ. އޭގައި އޮތީ ދެ ޗޮކްލެޓެވެ. އަދި މުޑުދާރު ވައްތަރަކަށް އޮތް ޓޮއިލެޓް ރޯލެއް ވެސް އޮތް ކަމަށް އޭނާ ބުންޏެވެ.

"އެޕަލް ވެބްސައިޓުން އަހަރެން އައިފޯނަކަށް އޯޑަރު ދިނީ ޑިސެމްބަރު ދެވަނަ ދުވަހު. ސްޓޮކް މައްސަލަ ދިމާވެގެން އެ ޑެލިވަރީ ވާނެ ކަމަށް ބުނީ ޑިސެމްބަރު 17 ގައި. ވަރަށް ބޮޑަށް ލަސްވަމުން ގޮސް ޑީއެޗްއެލް އިން ފޮނުވި މި ޕާރުސަލް ނުލިބިގެން އަހަރެން ޑީއެޗްއެލް އޮފީހަށް ގޮސް އެ ޕާރުސަލް ހޯދީ،" ޑެނިއަލް ބުންޏެވެ.

"ފުރަތަމަ ވެސް ޕާރުސަލް އަތަށް ލިބުނީމަ ހިތަށް އެރި މިއީ ފޯނެއް ނޫނޭ. ކޮންމެވެސް އެހެން އެއްޗެކޭ. ފޯނެއް ވައްތަރެއް ނުޖަހައޭ. ދެން ގެއަށް އައިސް ކެނޑީމަ އެނގުނީ މުޅިން އެހެން އެއްޗެއްކަން މިއޮތީ އޭގައި،" ޑެނިއަލް ބުންޏެވެ.

ޑީއެޗްއެލްގެ އޮފިޝަލަކު ވެސް ވަނީ މިއީ ހިނގާފައިވާ ހާދިސާއެއްކަން ކަށަވަރު ކޮށްދީފަ އެވެ. އަދި މިކަންވީ ގޮތް ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ބުނެފައި ވެއެވެ.