މޯލްޑިވްސް ޕޮލިސް ސާވިސް

ޑުރަގް މައްސަލަ ހައްލުކުރަން ރައީސް ހިމެނޭ ޓާސްކް ފޯހެއް

Dec 28, 2021

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސަތު ބަލަހައްޓަވާ ގޮތަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފި އެވެ.

އެކަން ހާމަކުރެއްވީ ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގެ ގޮތުން މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން ޓާސްކް އޮފީސް އެކުލަވާލުމަށްޓަކައި މަސައްކަތްތައް ވަނީ ފަށާފަ އެވެ.

ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ޒުވާން ޖީލު ސަލާމަތް ކުރުމަށްޓަކައި ޓާސްކް ފޯހުން އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށް ސީޕީ އުއްމީދު ކުރައްވަ އެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖެއަށް އެތެރެކޮށް ވިއްކާ މަސްތުވާތަކެތި ހޯދުމަށް ފުލުހުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނުލިބި އެފަދަ މީހުންގެ ސަބަބުން އެތައް އުދަނގުލަކާއި ކުރިމަތިވެ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ލިބޭ ގެއްލުންތަކެއް ހުރި ކަމަށްވެސް އިމްރާން ފާހަގަކުރެއްވި އެވެ.

ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފެންނާނެ ކަމަަށް އިމްރާން ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް އަމާޒުކޮށްގެން ރައީސް ސޯލިހު ވެސް އިންނަވާ ގޮތަށް ޓާސްކް ފޯހެއް އެކުލަވާލި ނަމަވެސް ޓާސްކް ފޯސް މެންބަރުންގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ޓަސްޚް ފޯސްއިން ހަފްތާއަކު ކުރާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ސޯލިހަށް އަރުވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަ ކަންބޮޑުވާ ހިސާބަކަށް ގޮސްފައިވާއިރު އެ ވަބާގައި ޖެހޭ މީހުން ރިހިބިލިޓޭޓް ކުރުމާއި ފަރުވާގެ ޕްރޮގްރާމު ވަނީ ބޮއްސުންލާފަ އެވެ. އަދި ރާއްޖެއިން އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.