ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި އެވެ.
މި އެޕް އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ މައިދާނުގައި މިރޭ އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޮބައިލް އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އިފްތިތާހު ކުރެވިގެން މިދިޔަ އެޕްލިކޭޝަނަކީ އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު އެމީހެއްގެ ޑްރައިވިން ލައިސަންސްގެ މައުލޫމާތާއި އެ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެއެވެ.
އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. މި އެޕްލިކޭޝަން ފަރުމާ ކޮށްފައިވަނީ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށެވެ. އަދި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށް ކަމަށް ފުލުހުން ބުންޏެވެ.