މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އެމްޓީޑީ "އިންޑިއާ އައުޓް" އާ ދެކޮޅު

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި އިދިކޮޅު ޕީޕއެމް / ޕީއެންސީން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންއާ ދެކޮޅުކަން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީ (އެމްޓީޑީ) އިން ބުނެފި އެވެ.

މީގެ ކުރިން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވެސް "އިންޑިއާ އައުޓް" ކެމްޕޭންއާ ދެކޮޅުކަން ހާމަކޮށްފައިވާ އިރު ކޯލިޝަންގައި ނުހިމެނޭ މޯލްޑިވްސް ނެޝެނަލް ޕާޓީއިން ވެސް މި ކެމްޕޭންއާ ދެކޮޅެެވެ. އަދި މިއަދު އެމްއެންޕީން ވެސް ވަނީ މި ކެމްޕޭންއާ ދެކޮޅުކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އުފައްދާފައިވާ އެމްޓީޑީން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ކެމްޕޭނަކީ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ މަގްސަދެއް ހާސިލު ކުރުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ.

އެމްޓީޑީގެ ނަޒަރުގައި މި ކެމްޕޭންގެ މަގްސަދަކީ ރައީސް ޔާމީން ގޯސްކޮށް ކުރައްވާފައިވާ ކަންކަން ފޮރުވައި އިންޑިއާއާމެދު ނަފުތަރު އުފައްދައި ކޮވިޑްގައި މިހާރު ލިބެމުންދާ އެހީތަކާއި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް ހުއްޓުވާލުން ކަމަށެވެ.