މަންތާ އެއާ

މަންތާގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހްކޮށްފި

Dec 28, 2021

މަންތާ އެއާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް -- މަންތާ ވިންގްސް އިފްތިތާހްކޮށްފި އެވެ.

މިއަދު ހެނދުނު މީރުމާ އިވެންޓްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. އެމަނިކުފާނު ވަނީ މަންތާ ވިންގްސްގެ ބައިވެރިނަންނަށް ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.

މަންތާ ވިންގްސް ޕްރޮގްރާމަކީ ވައިގެ ދަތުރު ފަތުރުގެ ސިނާއަތުގައި ހިމެނޭ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި، ޒުވާނުން ވައިގެ ދަތުރުުފަތުރުގެ ދާއިރާއަށް ތައާރަފްކުރުމުގެ މަގުސަދުގައި 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަލަށް ފަށާ ޕްރޮގްރާމެކެވެ.

އަހަރަކު ދެ ފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 10 ދަރިވަރުން ބައިވެރިކޮށްފައިވެ އެވެ. ކޮންމެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހަމަސް ދުވަހަށެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. މަންތާ އެއާގެ ހަޔާތުގައި ހޭދަވީ ތިން އަހަރު އެ އެއާލައިނުން ވެސް ވަރަށް ގިނަ ކުރިއެރުންތައް ހޯދާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ފުޅާވަމުންދާ ވަރަކަށް ސިނާއަތަށް ބޭނުންވާނެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުން މުހިއްމު ކަމަށެވެ. ދިވެހިންނަކީ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ދެވޭ ފަދަ ގާބިލް މަސައްކަތްތެރި ބަޔަކަށް ވުމަށް އަޒުމް ކަނަޑައަޅައިގެން އެ އަމާޒުގައި މަސައްކަތްކުރާ ބަޔަކަށް ވުމަށްވެސް އިލްތިމާސް ކުރެއްވި އެވެ.

މިރަސްމިއްޔާތުގައި މަންތާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ހަލީލު ވިދާޅުވީ މަންތާ ވިންގްސް ޕްރޮގްރާމަކީ އޭވިއޭޝަންގެ ދާއިރާއަށް ޒުވާނުންގެ ޝައުގު އުފައްދާ، އެ ދާއިރާއަށް އިތުރު ޒުވާނުން ނެރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.