ދުނިޔެ

ސީރިއާއަށް ހަމަލާދިން ސަބަބު ބުނެދެވޭކަށް ނެތް: އިޒްރޭލް

އިޒްރޭލުގެ މަސްލަހަތަށް ޓަކައި ބައެއް އަމާޒުތަކަށް ދެވޭ އަސްކަރީ ހަމަލާތަކާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަކީ ކުރާ ކަމެއް ނޫން ކަމަށް އިޒްރޭލުގެ މިލިޓަރީ ޕްރެސް ސާވިސްއިން ބުނެފި އެވެ.

އިޒްރޭލުން ސީރިއާގެ ލަތާކިޔާ ބަނދަރު ސަރަހައްދަށް އަންގާރަ ދުވަހު ވައިގެ މަގުން ހަމަލާ ދިނުމުގެ ސަބަބުން ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނާ ތަކެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ސީރިއާ ސަރުކާރުން ބުނި ގޮތުން އިޒްރޭލުން ހަމަލާދޭން ބޭނުންކުރި ބައެއް މިސައިލްތައް އަރައިގެން އައީ މެޑިޓަރޭނިއަން ކަނޑުންނެވެ. އެއީ އެ ހަނގުރާމަމަތީ ބޯޓަކުން ނުވަތަ ސަބްމެރީންއަކުން ދިން ހަމަލާއަށް ވެދާނެ ކަމަށް ސަނާ ނޫސް އޭޖެންސީ ވަނީ ބުނެފަ އެވެ.

މި ޚަބަރު މީޑިއާތަކަށް ތިލަވުމުން އިތުރު މައުލޫމާތު ހޯދުމަށްޓަކައި ނޫސްތަކުން އިޒްރޭލުގެ މިލިޓަރީ ޕްރެސް ސާވިސްއަށް ގުޅުމުން ބުނީ މީޑިއާގައި ލިޔެފައި ހުންނަ ލިޔުންތަކާ ބެހޭ ގޮތުން ވާހަކަދައްކައި ނޫޅޭ ކަމަށެވެ.

އިޒްރޭލުން ސިރިއާގެ އަމާޒުތަކަށް ހަމަލާ ދިނުމަކީ ވަރަށް ޝައުގުވެރިކަމާ އެކު ކުރާ ކަމެކެވެ.

މި ހަމަލާތަކުގެ ދިފާއުގައި އިޒްރޭލުން ބުނީ ހަމަލާދެނީ އީރާނުން ވާގިވެރިވާ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި ސީރިއާގެ ސަރުކާރަށް އެހީތެރިވުމުގެ ނަމުގައި އީރާނުން ތަފާތު އެހީތައް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ހަތިޔާރާއި ބަޔޮކެމިކަލް ފަދަ ބާވަތްތައް ހިމެނެ އެވެ.