ގެލަސްޓިކް ސީޒާސް ކިޔާ ބައްޔެއް ޖެހިފައިވާ ތިން އަހަރުގެ އަންހެން ކުއްޖެއްގެ ސާޖަރީއެއް އިންޑިއަގެ ހައިދަރުއާބާދުގެ ހޮސްޕިޓަލެއްގައި ހަދައިފި އެވެ.
މި ބަލި ޖެހުމުން ވާގޮތަކީ ކުއްޖާ ބޭނުން ނުވިޔަސް އޭނާއަށް އިރުއިރުކޮޅާ ވަރަށް ބާރަށް ހެވެނީ އެވެ.
މި މައްސައަށް ކިޔަނީ "ލާފްޓާ ސިންޑްރޯމް" އެވެ. އޭނާއަށް ހެވެނީ ވަކި ސަބަބެއް ދިމާވެގެން ނުވަތަ ވަކި ހާލަތެއްގައެއް ނޫނެވެ. ހަމަ ހުރެފައި ހެވެނީ އެވެ. ވަރަށް މަދުން ނޫނީ ހަދަން ނުޖެހޭ މިސާޖަރީ ހަދަން ޖެހުނީ މިކަން ރަނގަޅު ކުރަން ވެގެންނެވެ.
ގެލަސްޓިކް ސީޒާސް އަކީ އާއްމުކޮށް ކުޑަ ކުދިންނަށް ދިމާވާ މައްސަލަ އެކެވެ. އަލަށް އުފަންވާ ތުއްތު ކުދިންނަށް ވެސް މި މައްސަލަ ދިމާވެ އެވެ. ބައެއް ކުދިންނަށް ކުއްލިއަކަށް ފިޓް ޖެހޭ ގޮތަށް މިފަދަ ކުދިންނަށް ކުއްލިއަކަށް ހީނގަނެވެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ދުނިޔޭގައި ވަރަށް މަދު ބައްޔެކެވެ. އެވްރެޖްކޮށް މި ބަލި ފެންނަނީ އުފަންވާ ކޮންމެ ދެ ލައްކަ ކުއްޖަކުން އެއް ކުއްޖަކަށެވެ.
ގްރޭސް ނަމަކަށް ކިޔާ މި ކުއްޖާގެ މައިންބަފައިންނަށް ވެސް ކުއްޖާއަށް މިހެންވާ ސަބަބު ނޭނގިގެން ވަރަށް ގިނަ ހޮސްޕިޓަލްތަކުން ޑޮކްޓަރުންނަށް ދައްކަން ޖެހުނެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނިގެން އުޅެނިކޮށް އެލްބީ ނަގަރްގައި ހުންނަ ކާމިނޭނީ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ކުއްޖާއަށް ވާ ގޮތް ދެނެގަނެވުނީ އެވެ.
ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މީގެ ހައެއްކަ މަސް ދުވަސް ކުރިން ވެސް ކުއްޖާއަށް ފިޓް ޖެހިފައި ވެއެވެ. އޭރު ފިޓް ޖެހެނީ މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށެވެ. އަދި 10 ވަރަކަށް ސިކުންތަށް ފިޓް ޖެހެ އެވެ. ނަމަވެސް ފަހުން ފަހުން އައިސް ދުވާލަކު 5-6 ފަހަރު ވެސް ފިޓް ޖެހެ އެވެ. އަދި ކޮންމެ ފަހަރަކުވެސް ފިޓްޖެހިފައި މިނިޓެއްހާއިރު ވެއެވެ. އަދި ފިޓް ޖެހޭއިރު އެއް ލޯ ވެސް އިންނަނީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ދަމައިގެންފަ އެވެ.
މި ކުއްޖާގެ ސާޖަރީ ހެދީ ނިއުރޯސާޖަނުންނާއި ނިއުރޯފިޒީޝަނުން އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނާއި އެންޑޮކްރައިނޮލޮޖިސްޓުންގެ ޓީމަކުންނެވެ.
ޑޮކްޓަރުން ބުނި ގޮތުގައި މި ކުއްޖާއަށް މިހެން ދިމާވީ އޭނާގެ ސިކުނޑީގެ ވަކި ހިސާބެއްގައި އިން ކުޑަ ޓިއުމަރެއްގެ ސަބަބުންނެވެ. ސާޖަރީ ހަދަން ޖެހުނީ މި ޓިއުމަރު ނަގާށެވެ.