ރިތިކް ރޯޝަން އަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ރީތި އަދި އެންމެ ހުނަރުވެރި އެއް އެކްޓަރުކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 20 ވަރަކަށް އަހަރުވީއިރު އޭނާގެ 40 މިލިއަނަށް ވުރެ ގިނަ ފޭނުންނެއް އެބަތިއްބެވެ.
ޗުއްޓީއެއްގައި ރާއްޖެ އައިސް ސޯޝަލް މީޑިއާއަށް ދޫކޮށްލި ރިތިކްގެ ފޮޓޮއަކަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ.
މިއީ އޭނާގެ ރީތި ހަށިގަނޑު ވަރަށް ބޮޑަށް ފާޅުވާ ގޮތަށް ޕޫލެއް ތެރޭގައި ނަގާފައިވާ ފޮޓޯ އެކެވެ. ބޮލުގައި ތޮތްޕެއް އަޅާފައި ހުރިއިރު އެ ތޮފީގައި "ކެލިއެންޓޭ" ލިޔެފައި ވެއެވެ.
ސްޕެނިޝް މި ލަފުޒުގެ މާނައަކީ "ހޮޓް" އެވެ. މި ފޮޓޯއިން އޭނާގެ ދެ ލޮލުގެ ރީތިކަން ވަރަށް ބޮޑަށް ހާމަވެ އެވެ.
މި ފޮޓޯ އަށް މިހާތަނަށް 1.2 މިލިއަން ލައިކްސް ލިބިފައި ވެއެވެ. ރިތިކްގެ މި ފޮޓޯ އޭނާ ޝެއާ ކުރުމާއެކު ބޮލީވުޑް ގިނަ ފަންނާނުން ތަކެއް މި ފޮޓޯއަށް ކޮމެންޓުކޮށްފައި ވެއެވެ.
ބޮލީވުޑް ސްޓައިލިސްޓް އަނައިޓާ ޝްރޮފް އަޖާނިއާގެ ކޮމެންޓުގައި "ވަރަށް ހޮޓް" ކަމަށް ބުނެފައި ވެއެވެ.
އޭނާގެ މި ވާހަކައާ އެއްބަސްވީ ޑައިރެކްޓަރު ޒޯޔާ އަޚްތަރެވެ. އެހާ "ހޮޓް"ވީ ކީއްވެތޯ އޭނާ އަހާފައި ވެއެވެ. ކަރަން ޖޯހަރް އާއި އެނޫން ވެސް ވަރަށް ގިނަ ފަންނާނުން މި ފޮޓޮއަށް މަޖާ ކޮމެންޓުތައް ވަނީ ކޮށްފަ އެވެ.
ރިތިކް، 47، ރާއްޖެ އައީ މަންމަ އާއި ދެ ފިރިހެން ދަރިން އަދި އޭނާގެ ދެބެންގެ ދެ ދަރި ތިން އަންހެން ކުދިންނާ އެކުގަ އެވެ.
ޕްރޮފެޝަނަލް ރޮނގުން ބަލާއިރު ރިތިކްގެ ދެ ފިލްމެއްގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަ ދެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފިލްމަކީ ދީޕިކާ ޕަދުކޯން އާއެކު ކުޅޭ "ފައިޓާ" އެވެ.
ސިދާރްތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމާ ދާދިފަހުން އަނިލް ކަޕޫރު ވެސް ވަނީ ގުޅިފަ އެވެ. ދެން އޭނާ ކުޅޭނީ ވިކްރަމް ވެދާ ރިމޭކް އެކެވެ. މި ފިލްމުގައި އޭނާއާއެކު ސައިފް އަލީ ޚާން ބައިވެރިވެ އެވެ.