ދުނިޔެ

ސްޓާލިންކް ސެޓެލައިޓްތައް ދުރަށް ޖައްސަން ޗައިނާ ގޮވާލައިފި

އެމެރިކާގެ މަހުޖަން އިލޮން މަސްކް ޖައްވަށް ފޮނުވައިގެން އުޅޭ ސްޓާލިންކް ސެޓެލައިޓްތަކާ ހެދި ޗައިނާއަށް އުނދަގޫވާން ފަށައިފި އެވެ.

އިލޮން މަސްކްގެ ސެޓެލައިޓްތަކަކީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް އޮތް ބިރެއް ކަމަށް ބުނެ ސްޓާލިންކް ސެޓެލައިޓްތައް ދުރަށް ޖައްސަން ޗައިނާ އިން އެމެރިކާއަށް ވަނީ ގޮވާލާފަ އެވެ.

ސްޓާލިންކް ސެޓެލައިޓްތައް ދުރަށް ޖައްސަން ގޮވާލަން ޖެހުނީ، ޗައިނާގެ ޖައްވީ ސްޓޭޝަންގައި ޖެހޭ ނުޖެހޭ ފަށުން ސެޓެލައިޓްތައް ދެފަހަރެއްގެ މަތިން ދަތުރުކުރުމާ ގުޅިގެންނެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖާއޯ ލިޖިއަން ވިދާޅުވި ގޮތުން ސްޓާލިންކް ސެޓެލައިޓްތަކާ ހެދި ޖުލައި އާއި އޮކްޓޯބަރުގައި ވެސް ޖައްވީ ސްޓޭޝަނުން ޚާއްސަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ޗައިނާއިން ޓިއޭންގޮންގް ސްޕޭސް ސްޓޭޝަން ޖައްވަށް ފޮނުވީ މިއަހަރު ކުރީކޮޅު އެވެ. އަދި އެ ސްޓޭޝަންގައި ދެމިތިބުމަށް އޮކްޓޯބަރުގައި ތިން ޓައިކޮނޯޓްސް ވަނީ ސްޓޭޝަނަށް އުފުލާފަ އެވެ.

ޓިއޭންގޮންގް ޖައްވީ ސްޓޭޝަނަކީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ވުރެ ކުޑަ މަރުކަޒެކެވެ. އެހެން ނަމަވެސް މުޅިން ބިނާކޮށް ނިމުމުން، ރަޝިއާއިން ހަލާކުކޮށްލައި ދޫކޮށްލި މީރު ޖައްވީ ސްޓޭޝަނާ ދާދި އެއްވަރު ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ޖައްވަށް އުޅަދު ފޮނުވާ ގައުމުތަކުން 1967 ގައި ސޮއިކުރި އައުޓާ ސްޕޭސް ޓްރީޓި ބުނާ ގޮތުން ޖައްވުގައި މަސައްކަތުގައި ހަރަކާތްތެރިވާ އެސްޓްރޮނޯޓުން ޚިދުމަތުގައި ދެމިތިބެނީ ވަކި ގައުމަކަށް ނިސްބަތްވުން ޝަރަފަކަށް ވާތީއެއް ނޫނެވެ. އެމީހުންނަކީ މުޅި އިންސާނިއްޔަތަށް ޚިދުމަތްކޮށްދޭ ބަޔަކަށް ވާތީ އެވެ.

އެހެންކަމުން އެސްޓްރޮނޯޓުންނަށް ގެއްލުމެއް ލިބިދާނެ އެއްވެސް އަމަލެއް މެމްބަރު ގައުމުތަކުން ކޮށްގެން ނުވާނެ އެވެ.