ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 18 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 18 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް އިތުރުވުމަށް ފަހު އަނެއްކާ ވެސް ވަނީ ދައްވާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށްރަށުގެ ގޮތުގައި އަދިވެސް އޮތީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން އޮކްޓޫބަރު މަހު ބަންދު ކުރި ރަށްތަކުގެ އަދަދުވެސް ވަނީ ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު ލިސްޓުގައި އޮތީ މ. މުލަށް އެކަންޏެވެ. ނޮވެމްބަރު މަހު އެޗްޕީއޭއިން ބަންދު ކުރި އެއްވެސް ރަށެއް މިހާރު ލިސްޓަކު ނެތެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 12 ރަށެއް ބަންދުކޮށްފަ އެވެ. އެއީ ދ. ކުޑަހުވަދޫ، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ތ. ވިލިފުށި، ތ. ހިރިލަންދޫ، ގދ. ރަތަފަންދޫ އަދި އެ އަތޮޅު ވާދޫ، ކ. ތުލުސްދޫ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ގދ. ހޯޑެއްދޫ އަދި އެ އަތޮޅު ގައްދޫ އެވެ.

ރާއްޖެއިން އިއްޔެ 1190 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 71 އެވެ.