އިލެކްޝަންސް ކޮމިޝަން

ހަންނާންގެ ކެންޑިޑެސީ ބަލައިގެންފި

Dec 29, 2021

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޓިކެޓް ދީފައިވާ އަބްދުލް ހަންނާން އިދުރީސްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

ހަންނާންގެ ކެންޑިޑެސީ ބަލައިގަނެ ކޮމިޝަނުން ލިޔުމުން ޖަވާބުދީފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރެއްވުމަށް ހަންނާން ފޯމް ހުށަހެޅުއްވީ ވެސް މިމަހުގެ 26 ވަނަ ދުވަހު އެވެ.

އެމްއެންޕީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް އެޕާޓީން ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައިވަނީ ވެސް ހަންނާން އެކަންޏެވެ.

ހަންނާނަކީ ތައުލީމު ދާއިރާގައި ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.

ތައުލީމީ ދާއިރާގައި ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ ސުކޫލާއި، ރ. އިނގުރައިދޫ ސޫކޫލާއި، ނ. މާފަރު ސުކޫލާއި، ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެ އެވެ.

އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެ އެވެ. ހަންނާންގެ ކެމްޕޭން ވެސް މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ފަށާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައިވަނީ އެމްއެންޕީގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްޓީޑީންނެވެ. ނަމަވެސް އެމްޓީޑީސީން މިހާރު ވަނީ އިންތިހާބުގައި ވާދަނުކުރާނެ ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ޓިކެޓް ދީފައިވަނީ މުހައްމަދު ރާޝިދަށެވެ. އޭނާއަކީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން މިދިޔަ ތިން ދައުރު ކުރެއްވުމަށްފަހު މިހިނގާ ދައުރުގައި ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އެެވެ. ޕީޕީއެމުން ޓިކެޓް ދޭން ނިންމާފައިވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އަށެވެ. އެމްޓީޑީން ޓިކެޓް ދޭނެ ބޭފުޅަކު އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ހަންނާނާއި ފަތުހީ އަކީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ރަށްތަކުގެ ތެރެއިން ކޮމަންޑޫ އަށް ނިސްބަތްވާ ދެބޭފުޅުންނެވެ. ރާޝިދު އަކީ ފޯކައިދޫ ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.