ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް މަޖުބޫރުކޮށް ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފި އެވެ.
އެމްއެންޕީން ވަނީ ޝަކުވާގެ ސިޓީއެއް ކޮމިޝަނަށް ހުށަހަޅައި އެ ޕާޓީން ކަންބޮޑުވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށްވެސް ކޮމިޝަންގައި އެދިފަ އެވެ.
"ކުންފުނިތަކުގެ އިސްވެރިން އެދޭ ގޮތަށް ވަކި ކުލައެއްގެ މާކަރެއް ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އެ ކުންފުނިތަކުގެ މުވައްޒިފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ އެ ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ." އެމްއެންޕީގެ ނައިބް ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އެޖެންޓް އަހްމަދު އުޝާމު ސޮއި ކުރައްވާފައިވާ ސިޓީގައިވެ އެވެ.
މިސިޓީގައި ވަނީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ އެކަމުގައިވެސް ޝަކުވާ ކޮށްފަ އެވެ. ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާއި ސިޓީ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެ ތަންތަނުގެ ވަސީލަތްތައް ކެމްޕެއިންގައި ބޭނުންކުރަމުން ދިއުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ މިނިވަން، އިންސާފުވެރި، ހަމަހަ އިންތިހާބެއް ބޭއްވުމަށް އެޅިފައިވާ ހުރަހެއް ކަމަށްވެސް ސިޓީގައިވެ އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކެމްޕޭންގައި ބޭނުންކުރަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެ އެވެ.
އޭސީސީ އިން ވަނީ އިންތިހާބުގައި ނަހަމަ ގޮތުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމަށް ހާއްސަ އިންތިޒާމު ތަކެއް ހަމަޖައްސާފަ އެވެ.