އެމްޑީޕީ

ބައި އިލެކްޝަން ކާމިޔާބުކުރާނަން: އެމްޑީޕީ

Dec 29, 2021
4

ރައްޔިތުންގެ މަޖލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ މުހައްމަދު ރާޝިދު މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ.

އިލެކްޝަނަށް ފޯމް ހުށަހެޅުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ބައި އިލެކްޝަންގައި އެމްޑީޕީގެ ވަރުގަދަ ކެމްޕޭން ކުރާނެ ކަމަށެވެ. އަދި ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

"މިއިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ. މި އިންތިހާބު އަދި ރަސްމީކޮށް ލޯންޗުވެސް ކުރާނެ،" ޝިފާޒު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ 332 ވޯޓްގެ ތަފާތަކުންނެވެ.

އެމްޑީޕީން ޓިކެޓް ދީފައިވާ ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން މިދިޔަ ތިން ދައުރު ކުރެއްވުމަށްފަހު މިހިނގާ ދައުރުގައި ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އެެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.