އެމްޑީޕީ

ދެ ރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް

Feb 2, 2022
3

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މާދަމާ ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އަވަސް އެނގިފައިވާ ގޮތުގައި ދެ ރައީސުން މާދަމާ ކޮމަންޑޫ ދާއިރާ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މާދަމާ ހެނދުނު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށްފަހު މެންދުރު 12:30 ހާއިރު އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދަތުރުފުގައި ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ދެ ރައީސުން އެކުގައި ވަޑައިގަންނަވާނެ އެވެ.

ދެ ރައީސުން އެކުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމެވި އެވެ. ނަމަވެސް އެ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ކޮވިޑް 19ގެ ޓެސްޓް ހެއްދެވުމުން ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެމަނިކުފާނު ބަލިން ރަނގަޅު ވަންދެން މާލޭގައި މަޑުކުރެއްވީ އެވެ. އެކަމަކު މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވި އެވެ. އޭގެ ކުރިން މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ސޯލިހް ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވި އެވެ.

ދެ ރައީސުން އެކުގައި ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި އެމްޑީޕީގެ އިސްވެރިން ދެ ރައީސުންގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރާޝިދުގެ ކެމްޕޭން ލޯންޗްކުރުމަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އެ ދާއިރާގައި މިއަހަރު ގިނަ މަޝްރޫއުތަކެއް ފެށުމަށް އިއުލާންކޮށްފަ އެވެ. އެއީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ މަޝްރޫއުތައް ފަށާފަ އެވެ.

މިމަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުން ވޯޓުލުމަށް ހަތް ވޯޓް ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮށި ބަހައްޓައެވެ. މާލޭގައިވެސް ދެ ވޯޓް ފޮށި ބަހައްޓާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. އެ ދެ ވޯޓް ފޮށިވެސް ހުންނާނީ އިސްކަންދަރު ސުކޫލުގަ އެވެ.