ހަބަރު

  • އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް
  • ދައުލަތުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން ފިޔަވަޅު އަޅާނެ
  • އަނިޔާ ކުރި މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައި

ފިރިމީހާ ކުރި، ސީރިއަސް ޖިންސީ އަނިޔާތަކާއި ގުޅިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ގދ. ތިނަދޫ އަންހެންމީހާއަށް އިންސާފު ހޯދައިދޭން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖެންޑަ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފިމީހާގެ ފަރާތުން އަންހެންމީހާއަށް ދީފައިވާ ރަހުމްކުޑަ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރުކުރާ ކަމަށެވެ. އަދި އެ އަންހެން މީހާއަށް އިންސާފު ހޯދައިދޭން ސަރުކާރުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، އިންސާފު ހޯދައިދޭން ކުރަންޖެހުނު ހުރިހާ މަސައްކަތެއް އެ މިނިސްޓްރީން ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ. 

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކެއް، ފޮރުވައި، ގިނަ ދުވަސްވުމުން މާ ބޮޑަށް ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި އެކަމަށް ފަރުވާ ހޯދަމުން އަންނަ އަންހެންމީހާ ހާލަތު ސީރިއަސްކަން އެނގުނީ މާލޭގެ ކްލިނިކަކަށް ދެއްކުމުންނެވެ. އައިޖީއެމްއެޗްގައި އަންހެންމީހާއަށް ފަރުވާ ދޭން ފެށީ، ކްލިނިކުން އެއަންހެން މީހާ ބެލި ޑޮކްޓަރުގެ އަމިއްލަ ހުށަހެޅުމަކާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ހަބީބް ވިދާޅުވީ، އަންހެންމީހާގެ ސިއްހީ ހާލަތަށް އަދިވެސް ވަކި ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ. މީގެ ތިން ދުވަސް ކުރިން، އައިޖީއެމްއެޗް އައިސީޔޫގައި އެ އަންހެންމީހާއަށް ފަރުވާދޭން ފަށާފައިވާއިރު، އޭނާ ނޭވާލަނީ ވެސް ވެންޓިލޭޓަރެއްގެ އެހީގަ އެވެ. އަދި ހާލަތުގެ ސީރިއަސްކަމުން ދަތުރުކުރުންވެސް ޑޮކްޓަރުން ވަނީ މަނާކޮށްފަ އެވެ.

އޭނާއަށް އަނިޔާ ކުރި ފިރިމީހާ އިއްޔެ ހެނދުނު ވަނީ ހައްޔަރު ކޮށްފަ އެވެ.

ތުހުމަތުގެ ކުރެވޭ ގޮތުގައި އަނިޔާކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން އިންފެކްޝަން އުފެދި އަންހެން މީހާގެ މެ އާއި ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.