ޖަނަވާރުންނަށް އިންސާނުންނާ ވައްތަރު ދަރިން ލިބުމަކީ މަދުން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވަމުންދާ ކަމެކެވެ. އެގޮތުން އިންޑިޔާގެ އާސާމްގެ ޗަޗާރް ޑިސްޓްރިކްޓްގައި ބަކަރިއެއް ވިހޭ ދަރިއަކު އިންސާނަކާ ވައްތަރުކަމުން އެންމެންނަށް ބޮޑު ޝޮކެއް ވަނީ ލިބިފަ އެވެ.
ވިހޭއިރު ވެސް ބަކަރީގެ ދަރި އޮތީ މަރުވެފައި ނަމަވެސް އެ ކުޑަ ބަކަރީގައި އަލަށް އުފަންވާ ތުއްތު ކުއްޖަކާ އެއްވައްތަރު ގޮތްތަކެއް ހުރުމުން އެހިސާބުގަނޑު މީހުންނަށް މިއީ ވަރަށް އާދަޔާޚިލާފު ކަމަކަށް ވެގެން އެ ކުއްޖާ ބަލަން އެންމެން އެއްވިއެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ކުޑަ ބަކަރީގެ އަނގަޔާއި ނޭފަތް އިންސާނަކާ ވައްތަރުއިރު ކަންފަތް ހުރީ ބަކަރީގެ ކަންފަތް ހުންނަ ގޮތަށެވެ.
ބަކަރި އުފަންވާއިރު އެ ސޮރުގެ ހަތަރު ފައި ހުއްޓަސް މި ކުޑަ ބަކަރީގައި ހުރީ ދެ ފައެވެ. އެ އަވަށުގެ މީހުން އެ ބަކަރި ވިހައގެން އޮތް ތަނަށް ޖަމާވެ ހައިރާން ވެގެން ބަލަބަލާފައި އުޅުނެވެ.
މިއަހަރުގެ ކުރީކޮޅު އިންޑޮނީޝިޔާގެ މަސްވެރިއަކު ބޭނި މިޔަރެއްގެ މޫނުމަތީގައި ވެސް އިންސާނެއްގެ ސިފަ ހުރުގެން ދުނިޔޭގެ މީޑިއާތަކުގައި މި ޚަބަރު ޖަހާފައި ވެއެވެ.