ތިމާވެށި

މަނާ ޕްލާސްޓިކްގެ 13 ބާވަތެއްގެ ލިސްޓެއް

އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކުގެ 13 ބާވަތެއް ރާއްޖެ އެތެރެ ކުރުން މަނާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ލިސްޓް ތަސްދީގުކުރައްވައިފި އެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕުލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން އިއުލާނުކޮށްފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި ސެޕްޓެމްބަރު 23، 2019 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސް ސޯލިހެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން 2023 ގެ ނިޔަލަށް ހުއްޓާލަން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެ"އް އެކުލަވާލާފަ އެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގައި ހިމެނޭ "ކުންޏަކީ ވަސީލަތަކަށް ހެދުން" އެ ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކް މަދުކުރުމުގައި އަމަލު ކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފަ އެވެ.

ރައީސް ސޮއިކުރައްވާ ނެރުނު މި ގަރާރުގައި، އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 10 ބާވަތެއް، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދެ ބާވަތެއްގެ އިތުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެއް ބާވަތުގެ ސިންގަލް ޔޫސް ޕްލާސިޓް އުފެއްދުން ވަނީ މަނާކޮށްފަ އެވެ.

އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އުފެއްދުން މަނާ ބާވަތްތައް

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރުމަށް ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ، 500 މިލިލީޓަރަށް ވުރެ ކުދި ފެންފުޅި
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ، 500 މިލިލީޓަރަށް ވުރެ ކުދި ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

ޖޫން މަހުން ފެށެގެން އުފެއްދުން މަނާ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ، 500 މިލިލީޓަރަށް ވުރެ ކުދި ފެންފުޅި އާއި ތައްޔާރީ ބުއިންތައް ބާޒާރަށް ނެރުން މަނާކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެންނެވެ.

އަންނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ދެ ބާވަތެއް އުފެއްދުން މަނާ ވާނެ ކަމަށް އެ ލިސްޓުގައި ބަޔާންކޮށްފައި ވެއެވެ. އެއީ ބާޒާރުކުރުމަށް ބޭނުންކުރާ 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި އެވެ. މިތަކެތި ބާޒާރަށް ނެރެގެން ވިއްކުން މަނާކޮށްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނެ އެވެ. ބާޒާރަށް ނެރެގެން ވިއްކުން މަނާކޮށްފައި ވަނީ 2024 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.

މި ބާވަތްތައް މަނާކުރުމާއި އެކު ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކުގެ މިންވަރު މަދުކޮށް މި ބާވަތުގެ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވިގެންދާނެ އެވެ.