ވިސްނުން ހުރީ އެއް ދާއިރާއަކުން އެއްފަހަަރާ ގިނަ ސްކޮލަޝިޕްތަކެއް ދިނުމަށް ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު. ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް 150 ސްކޮލާޝިޕް ދޭން ނިންމިކަން އިއުލާންކުރައްވައި މިނިސްޓަރު ވިދާޅުވީ ސްކޮލަޝިޕްތައް ދިނުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ ގަނޑުކޮށް އެއްފަހަރާ ގިނަ ސްކޮލަޝިޕްތައް ދިނުމަށް ކަމަށެވެ.
އެކަމުގެ ސަބަބުން މީހުން މަދު ދާއިރާތަކަށް ދިވެހިން ތަމްރީންވެ ދުވަސް ކޮޅެއް ފަހުން އެ ދާއިރާތަކަށް ދިވެހިން ލިބި ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. އެގޮތުން އެއް ދާއިރާއަކުން ގިނަ ސްކޮލަޝިޕް ދީގެން އެއްފަހަރާ މީހުން ބިނާކުރުމުގެ ވިސްނުން އެބަހުރި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ތެރަޕިއުޓިކްއާ މެންޓަލް ހެލްތުގެ ދާއިރާއިން ވެސް އެއް ފަހަރާ ގިނަ ކޯސްތަކެއް އިއުލާންކުރެވުނު ކަމަށާއި އަދި އެ ކޯސްތަކަށް ހޮވުނު ދަރިވަރުންވެސް މިހާރު ކަނޑައަޅައި އެ ކުދިންނަށް އެކަން އަންގާފަވާނެ ކަމަށެވެ.
"150 ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުންގެ ސްކޮލަޝިޕަށް މިއަދު މި ހުޅުވާލީ. ހަމަ މިގޮތުން އިތުރު ދާއިރާތަކުން ވެސް މުސްތަގުބަލުގައި ފުރުސަތު ހުޅުވާލާނަން" މިނިސްޓަރު ވިދާޅުވި އެވެ.
މީހުން ބިނާކުރުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރުު ދަނީ ޕްރައިވެޓް ސެކްޓަރާ ގުޅިގެން ވެސް ޕްރޮގްރާމްތަކެއްް ހިންގަމުންނެވެ.