ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޮނިޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަަހުގެ ހަތަރަކާ ހަމައަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މޮނީޓަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުމާއި ރޭޑިއޯ/ޓީވީ ސްޓޭޝަނެއް އަދި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހަކަށް ނުވުން ހިމެނެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން މިހާތަނަށް ނިންމާފައިވަނީ އެމްއެންޕީ އާއި އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.