ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތެއްގެ ގޮތުން ލާމަރުކަޒު ކުރުން ވަކި ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދަނީ އެ ކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާތީ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ސިވިލް ސާވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބް ރައީސް ވިދާޅުވީ ހިދުމަތް އަވަސް ކުރުމަށާއި ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު ހިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށެވެ. އަދި އެގޮތުން ސިވިލް ސާވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ބަދަލުވެގެން ދިއުމަކީ މުޅި ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ފުރިހަމަ ކަމެއް ގެނުވާނޭ ގޮތް ކަމުގައިވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ގައުމުގެ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއުތައް އެކިއެކި ދުވަސްވަރު ހިނގަމުން އަންނައިރު، މިކަމަށް ދެވިފަ އޮތް ސަމާލުކަން ކުޑަ ކަމަށެވެ. އެހެންނަމަވެސް ފަސޭހަ އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުން ކުރާ މަސައްކަތަކީ މުޅި ގައުމު ހިންގުން ކަމަށާއި އެ ފަރާތްތަކަށް މަސައްކަތްތައް ހިންގުމަށް އެންމެ ފަސޭހަގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް، ފަސޭހަ ހިދުމަތްތައް ލިބޭނެ މަގުފަހި ކުރުމަކީ ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު މަސައްކަތް،" ނައިބް ރައީސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ސިވިލް ސާވިސްގެ އާ ވެބްސައިޓް ތައާރަފް ކުރުމާއެކު، ސިވިލް ސާވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއާ ގުޅޭ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލާފައިވެ އެވެ. ސާވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއުން ސިވިލް ސާވިސްގެ ވިއުގައިގެ ތެރެއިން ދެމުން ގެންދާ ހިދުމަތްތައް ސަރުކާރުގެ ލާމަރުކަޒީ ކުރުމުގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ވަކިވަކި އިދާރާތަކުން ހިދުމަތް ދިނުމަށް މަގުފަހި ކުރެވިގެންދާނެ އެވެ.