ޕީޕީއެމް

އިދިކޮޅަށް ގޮނޑި ދޭންޖެހެނީ ގައުމުގެ ހައްގުގައި: ފަތުހީ

Dec 30, 2021
2

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އޭނާ އަށް ވޯޓު ދޭންޖެހެނީ ދިވެހި ގައުމުގެ ހައްގުގައި ކަމަށް އެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ފަތުހީ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ފެންނަން ހުރި ނަމަވެސް އެ އިންތިހާބަކީ ގައުމީ ކަމަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އިންތިހާބުގައި ދެވޭ ވޯޓަކީ ވެސް ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ދެވޭ ވޯޓަކަށް ހެދުމަށް އެދިވަޑައިގެންނެވި އެވެ.

"ރާއްޖެ މިއަދު އޮތް ހިސާބުން އަލުން ނަގަން އެބަޖެހޭ. އެހެންވެގެން މި އިންތިހާބު މުހިއްމީ. ރާއްޖޭގެ ކުރިމަގަށްޓަކައި މި އިންތިހާބުތަކުގެ ނަތީޖާ ވަރަށް މުހިއްމު،" ފަތުހީ ވިދާޅުވި އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ކުރައްވާފައިވާ ފަތުހީ ވިދާޅުވީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމުގެ ތަޖުރިބާ ހޯއްދަވައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ހިތްވަރާ އަޒުމާ އެކު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވާފައިވާ ފަތުހީ ވިދާޅުވީ އެމްޑީޕީއަށް ލިބިފައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކުރީ ރައްޔިތުންނަށް އުދަނގޫ ކުރަން ކަމަށެވެ. އޭނާ ވެސް ނިސްބަތްވާ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ސަރުކާރުން މާބޮޑު ކަމެއް ކޮށްދީފައި ނުވާ ކަމަށް ދޭހަވާ ގޮތަށްވެސް ފަތުހީ ވަނީ ވާހަކަދައްކަވާފަ އެވެ.

ދިވެހިންގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ފާހަގަކުރައްވާ ފަތުހީ ވިދާޅުވީ އެމްޑީޕީ އަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބުނަ ނުދިނުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް އަޒުމަކާ އެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ގައުމު ސަލާމަތްކުރުމަށް ސަރުކާރަށް ނޫނެކޭ ބުނަންކެރޭ ފުރަތަމަ ދާއިރާއަށް ކޮމަންޑޫ ދާއިރާވުން މުހިއްމު،" ފަތުހީ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސައިން ވަހީދު ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދާ ވާދަކުރައްވާ 332 ވޯޓްގެ ތަފާތުންނެވެ.