ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ރީތިކުރަން ވަރަށް އާދައިގެ ޕެޑިކިއޯއެއް ހަދާލަން އެމެރިކާގެ ކްލާރާ ޝެލްމަން ސެލޫނަކަށް ދިޔައިރު މިއީ އޭނާގެ ހަޔާތުގައި އަންނާނެ އެންމެ ބަދު ނަސީބު ދުވަސް ކަމަކަށް ހުވަފެނަކުން ވެސް ނުދެކެ އެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ފައި ގެއްލިދާނެ ކަމަކަށް ޚިޔާލަކަށް ވެސް ނާދެ އެވެ. ނަމަވެސް އެ ސެލޫނުން އޭނާގެ ފައިގެ ޕެޑިކިއޯ ހަދައިދިން މީހާގެ އަތުން ލިބުނު ގެއްލުމެއްގެ ސަބަބުން ކްލާރާގެ ފައި މިހާރު ވަނީ ބުރިކޮށްލާފަ އެވެ.
މީގެ ތިން އަހަރު ކުރިން ހިނގި މި ހާދިސާ އަށް ފަހު ކްލާރާ ވަނީ ސެލޫނާ ދެކޮޅަށް ދައުވާ އުފުލާފަ އެވެ. އަދި ފާއިތުވީ ތިން އަހަރު ދުވަހު މި މައްސަލަ ކޯޓުގައި ކުރިއަށް ދިޔަ އެވެ.
މި ދައުވާގައި ކްލާރާ ބުނެފައިވަނީ އޭނާ ޕެޑިކިއޯ އެއް ހަދަން ސެލޫނަށް ދިއުމުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފު އޭނާގެ ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ކެނޑުމުގެ ތެރޭގައި އެއް އިނގިލީގެ ނިޔަފަތި މާބޮޑަށް ކަނޑާލީ ކަމަށެވެ. އަދި އެ އިނގިލި އިންފެކްޓްވެ އިންފެކްޝަން ވަރަށް ބާރަށް މުޅި ފަޔަށް ފެތުރިގެން ދިޔައީ ކަމަށެވެ. އަދި ސެލޫނުގައި ބޭނުންކުރި ޓޫލްސްތަކާއި އިކްއިޕްމަންޓްސްތައް ރަނގަޅަށް ސާފުތާހިރު ނުކޮށް ހުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ނުރައްކާތައް ކުރިމަތި ވެފައިވާ ކަމަށްވެސް ކްލާރާގެ ދައުވާގައި ބުނެފައި ވެއެވެ.
ކްލާރާގެ ދައުވާގެ ލިޔުމުގައި އިތުރަށް ފާހަގަކޮށްފައިވާ އަނެއް ކަމަކީ އެކަށީގެންވާ ތަމްރީނު ނެތް މުވައްޒަފުން ސެލޫނުގައި މަސައްކަތް ކުރުމެވެ.
ނަމަވެސް ކްލާރާގެ ދައުވާއަށް ސެލޫނުން އިންކާރުކޮށްފައި ވެއެވެ. ސެލޫނުން ކަނޑައެޅި ގާނޫނީ ވަކީލު ކޯޓުގައި ބުނެފައިވަނީ ކްލާރާގެ އިނގިލި ހަލާކުވުމުން އިންފެކްޝަން ފެތުރުނަ ނުދިނުމަށް ކްލާރާ އެދެވޭ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ސެލޫންގައި ބޭނުންކުރާ ސާމާނު ނުތާހިރު ކަމަށް ބުނާ ވާހަކައާ ވެސް ސެލޫނުން އެއްބަހެއް ނުވި އެވެ.
ކްލާރާ އަކީ ކުރިން ވެސް ޕެރިފެރަލް އާޓީރިއަލް ޑީޒީޒް ކިޔާ ބައްޔެއް ހުންނަ މީހަކަށް ވާތީ މި އިންފެކްޝަންގެ ސަބަބުން އިތުރަށް ބޮޑުވަރުވާން މެދުވެރިވީ އެވެ.
ޕެރިފެރަލް އާޓީރިއަލް ޑިޒީޒް ޖެހުމުން ނާރުތައް ވަރަށް ހަނިވެ އެވެ. އަދި އެކި ގުނަވަންތަކަށް ލޭ ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތިވެ އެވެ. ކްލާރާގެ ފައި އެހާ ބޮޑަށް ސަކަރާތްވެ އެންމެ ފަހުން ބުރިކޮށްލަން ޖެހުނު މައިގަނޑު ސަބަބަކީ ކުރިންސުރެ މިބަލި ހުރީމަ އެވެ.
ފްލޮރިޑާގައި 2018ގެ ސެޕްޓެމްބަރުގައި ހިނގި މި ހާދިސާއަށް ފަހު ފާއިތުވީ ތިން އަހަރު ތެރޭ އެ ރަށުގެ ކޯޓެއްގައި މައްސަލައިގެ އަޑުއެހުންތައް ބާއްވަމުން ގޮސް އެންމެ ފަހުން މިދިޔަ ހަފުތާގައި ވަނީ މައްސަލަ ނިންމާފަ އެވެ.
ކްލާރާގެ ވަކީލު ޕޯލް ފުލްމާ ބުނި ގޮތުގައި ކްލާރާ އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 1.75 މިލިއަން ޑޮލަރު ދޭން ކޯޓުގައި ސެލޫނުން ވަނީ އެއްބަސް ވެފަ އެވެ.