ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަރިދަފުސް ރޯގާ އާއި އޮމިކްރޮންގެ އަލާމާތް ތަފާތު

ކޮވިޑް-19ގެ އާ ރާޅެއް ދުނިޔެއަށް ބިންދާލަފާނެ ކަމުގެ ބިރުވެރި ރަނގަބީލުގެ އަޑު ގަދަވެފައިވާއިރު އެއް ބަޔަކު ބުނަނީ މި ފަހަރު އަލަށް ފެނިގެން އުޅޭ އޮމިކްރޮން ވޭރިއަންޓަކީ އޭގެ ކުރިން ފެނުނު ޑެލްޓާ ވޭރިއަންޓަށް ވުރެ ނުރައްކާ ކުޑަ އެއްޗެއް ކަމަށެވެ.

އޮމިކްރޮން ޖެހޭ މީހުންނަށް އެހާ ބޮޑުވަރު ނުވެ ފަސޭހަވާ ކަމަށެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް އޮމިކްރޮން އެއްފަހަރާ ޖެހިއްޖެނަމަ ސިއްހީ ނިޒާމަށް ބާރު ބޮޑުވެ ހީނުކުރާ ވަރުގެ ގެއްލުމެއް އިންސާނުންނަށް ލިބިދާނެ އެވެ. ވީމާ މިއީ ޣާފިލު ވެގެން ތިބެވޭ ވަރުގެ ވޭރިއަންޓެއް ނޫނެވެ.

އާދައިގެ އަރިދަފުސް ރޯގާ އާއި އޮމިކްރޮންގެ އަލާމާތްތައް ވަރަށް އެއްގޮތެވެ. މި ބަލި ޖެހުމުން އެންމެންނަށް ބޮޑުވަރު ނުވިޔަސް ބައެއް މީހުންގެ ހަށިގަނޑަށް ބަލީގެ އަސަރު ހީނުކުރާހާ ބޮޑަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރޯގާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ނޭފަތް ހިރުވުން، ބޮލުގައި ރިއްސުން، ވަރުބަލިވުން ފަދަ ކަންތައް ދިމާވާނަމަ ޓެސްޓްކޮށްލުން ބުއްދިވެރި އެވެ.

އޮމިކްރޮން ވޭރިއަންޓްގައި ފެންނަ އެންމެ އާއްމު އެއް އަލާމާތްތަކަކީ ނޭފަތުން ފެން އައުމާއި، ބޮލުގައި ރިއްސުމާއި، ކިނބިހި އެޅުމާއި، ވަރުބަލިވުން އަދި ކަރު ތެރެ ހަލާކުވުމެވެ.

ސެން ޑިއޭގޯގައި ހުންނަ ޝާޕް ޗޫލާ ވިސްޓާ މެޑިކަލް ސެންޓަރުގެ އިންފެކްޝަސް ޑިޒީޒް ފިޒީޝަން ޑރ. ހައި ޝާއޯ ވިދާޅުވި ގޮތުގައި އާދައިގެ އަރިދަފުސް ރޯގާގައި ހުން އައިސް ބޮލުގައި ރިއްސާނެ އެވެ. ނަމަވެސް ބަލީގައި ބޮޑުވާނަމަ އެއީ އޮމިކްރޮންގެ ސަބަބުން ކަމަށް ބެލެވިދާނެ އެވެ. ހުން ގަދަވުމާއި ގަދައަށް ބޮލުގައި ރިއްސުން މިއީ އޮމިކްރޮންގެ އެންމެ ބޮޑު އަލާމާތްކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

އައްމުކޮށް ފެންނަ ކޮވިޑްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކެއްސުމާއި ހުން އައުން އަދި ވަސްނުދުވުމާއި ރަހަ ނުލުމެވެ. ނަމަވެސް އޮމިކްރޮން ވެރިއަންޓް ޖެހޭ މީހުންނަކަށް ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ ކުރިމައްޗެއް ނުވެ އެވެ. އެމީހުންގެ ކިބައިން ފެންނަނީ އަރިދަފުސްރޯގާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކިނބިހި އެޅުމާއި، ހުން އައުމާއި، ނޭފަތުން ފެން ފޭބުމާއި، ކަރުގައި ރިއްސުމެވެ.

އޮމިކްރޮން އަކީ ކުރީގެ ގިނަ ވޭރިއަންޓް ތަކަށް ވުރެ ބަލިކަށި ވޭރިއަންޓަކަށް ވީ ސަބަބު ހޯދަން ސައިންސްވެރިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަ ހަގީގަތުގައި ވެސް އެ ވޭރިއަންޓް ބަލިކަށީތޯ ނުވަތަ ދުނިޔޭގެ އާބާދީގެ ގިނަ ބަޔަކު ވެކްސިން ޖަހައި އަދި ކުރިން ބަލި ޖެހިފައި ހުރުމުން ދިފާއީ ބާރު ވަރުގަދަ ވުމުން އޮމިކްރޮންގެ ބާރު ދަށީ ކަމަށް ބެލެވެނީތޯ ސައިންސްވެރިން މިހާރު ދަނީ ހޯދަމުންނެވެ.