ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

އަހަރު ނިމުނުއިރު ސޮވްރިން ފަންޑު ހަތަރު ބިލިއަނަަށް

Dec 31, 2021

މި އަހަރު ނިމުނުއިރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގެ ސައިޒު ހަތަރު ބިލިއަން ރުފިޔާ އަށް އުފުލިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު މާލީ ރިޕޯޓުގައިވާ ގޮތުން މިމަހުގެ 23ގެ ނިޔަލަށް އެސްޑީއެފް ފަންޑުގެ ސައިޒަކީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، މި ފަންޑުގެ ބޭންކް ބެލެންސްގައި ހުރީ 1.1 ބިލިއަން ރުފިޔާ އެވެ.

މި ފަންޑަށް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޖަމާކޮށްފައިވަނީ 990.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި ފަންޑަށް ޖަމާކުރެވޭނެ ކަމަށް އަންދާޒާ ކުރީ 529.2 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު މި ފަންޑަށް ޖަމާކުރީ 377.0 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ. ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅު ރައްވާފަ އެވެ.