ހަބަރު

ރައީސްގެ ސްކޮލަޝިޕް ލިމިޓް ކުރާކަށް ނުނިންމަން: އެޑިއުކޭޝަން

  • އާންމުވި ކަރުދާހަކީ މިހާރު ހިނގާ މަޝްވަރާތަކެއް
  • މަޝްވަރާ ކުރަނީ އޭލެވެލް ހަދާ ކުދިންގެ ފެންވަރު ރަނގަޅު ކުރަން 
  • ވެބްސައިޓަށް ކަރުދާސް އާންމު ކުރީ އޮޅުމަކުން

އޭލެވެލް އިމްތިހާނުން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލަޝިޕް ލިމިޓުް ކުރާކަށް ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނޭ ކުދިންގެ ތެރެއިން ހަމައެކަނި 15 ކުދިންނަށް ސްކޮލަޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް ބުނާ ހަބަރުތަކެއް ވަނީ އާންމުވެފަ އެވެ.

އެޑިޔުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ދޮގު ކުރައްވައި، އެމިނިސްޓްރީ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އޭލަވަލްގައި އެންމެ މަތީ ނަތީޖާއެއް ހޯދާ ކުދިންނަށް ރަައީސް ދެއްވާ ސްކޮލާޝިޕް ލިމިޓްކޮށް ބައެއް ކުދިންނަށް ދޭން ނިންމާފައި ނުވާނެ ކަމަށެވެ. އަދި މީޑިއާ ތަކުގައި ފެތުރުނު ކަރުދާހަކީ އޭލެވަލް ކިޔަވާ ކުދިންނަށް ދޭ ގްރޭޑް އިތުރު ހަރުފަތަކަށް ގެނެސް، އޭ ސްޓާ ތާރަފް ކުރުމަށް މިހާރު ހިންގާ މަސައްކަތު ބައްދަލުވުންތަކަކަށް ހުށަހެޅިފައިވާ ކަރުދާހެއް ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭލެވަލް ކިޔަވާ ކުދިންނަށް އޭސްޓާ ތައާރަފް ކުރުމުގެ މަސައްކަތުގެ މަޝްވަރާ ކުރުމަށް ފޮނުވާފައިވާ މޮޑަލްސް ތަކުގެ ތެރެއިން އެއް މޮޑަލް އެއްގެ ވާހަކަ އެއޮތީ. އެކަރުދާސް އޮތީ އަޅުގަނޑުމެންގެ ކޮންމެވެސް ޑިޕާޓްމަންޓެއްގެ ވެބްސައިޓުގައި. އެހެން ނަމަވެސް މިއީ އެއްގޮތަކަށްވެސް ނިންމާފަ އަންނަ އަހަރު ފެއްޓިގެން ރައީސް ދެއްވަމުން އަންނަ ސްކޯލާ ލިމިޓު ކުރީ ކީ ނޫން،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭލަވަލް އިމްތިހާން ކިޔަވާ ކުދިންގެ ފެންވަރު އިތުރަށް މަތި ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އަދި އެއްވެސް ގޮތެއް ނުނިންމާ އޮތް ކަމެއްގެ މައުލޫމާތު، އޭގެ ހަގީގަތް ނުބަލައި މީޑިއާއިން ތިލަ ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.