ޔޫތު މިނިސްޓްރީ

އާ އަހަރުގެ ޝޯއަށް އަންކިތު ރާއްޖެ އަތުވެއްޖެ

Dec 31, 2021
1

އާ އަހަރު ފެށުން ފާހަގަކުރުމަށް ބާއްވާ ޝޯގައި ލަވަކިޔުމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ރާއްޖެ އަތުވެއްޖެ އެވެ.

އަންކިތު މިއަދު މެންދުރެއްހާއިރު ރާއްޖެ އައުމުން އޭނާ އަށް މަރުހަބާ ކިޔާފައިވަނީ ޔޫތު މިނިސްޓްރީގެ އިސްވެރިންނެވެ.

އަންކިތު ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި ރާއްޖެ އަކީ ވަރަށް ހިތްގައިމު މަންޒިލެއް ކަމަށެވެ.

އޭނާ މިރޭ ހުށަހަޅައިދޭ ހުށަހެޅުންތައް ދިވެހިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

އަންކިތު ޕާފޯމްކުރާ ޝޯ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދުވާ ޓްރެކް ސަރަހައްދުގަ އެވެ. ޝޯ ފަށާނީ ރޭގަނޑު 8:30 ގައެވެ.

"މަރުހަބާވީސް"ގެ ނަމުގައި ބާއްވާ މި ޝޯ އިންތިޒާމް ކުރަނީ ވެސް ޔޫތު މިނިސްޓްރީންނެވެ.

މި ޝޯއަކީ ޓޫރިޒަމް މިނިސްޓްރީ، ފެނަކަ، އެމްޓީސީސީ، އެމްޕީއެލް، އުރީދޫ، ދިރާގު، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، އެސްޓީއޯ އަދި މޯލްޑިވިއަންއާ ގުޅިގެން ކުރިއަށް ގެންދާ ޝޯއެކެވެ.

ލަވަ ކޮމްޕޯސްކޮށް ޑައިރެކްޓްވެސް ކުރާ އަންކިތުގެ މަޝްހޫރު އަލްބަމްތަކުގެ ތެރޭގައި "އޭކް ވިލަން" އަދި "އާޝިގީ 2" ހިމެނެ އެވެ. އަންކިތުގެ ލަވަ ތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރުވި އެއް ލަވަޔަކީ އާޝިގީީ ދޭކަށް އޭނާ ކިޔައިދީފައިވާ "ސުން ރަހާ ހޭ" ލަވަ އެވެ.