(25 ޑިސެމްބަރ 2021އާ ގުޅޭ)
ސަހުލާގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. މުޅި މީހާގެ ގަޔަށް ހީވީ ބޮޑު ތޫފާނެއް އަރައިގެން ދިޔަހެންނެވެ. ދެލޮލޮގެ ތެރެއަށް ކަރުނަތައް ޖަމާވެ، ސަހުލާއަށް ރޮވިއްޖެއެވެ. ސަހުލާއަށް ފެނިގެން ދިޔައީ އޭނާ ފެންނަން ނޭދޭ މަންޒަރެކެވެ. ފޮނި ހުވަފެންތަކަކާ، ހިތްހަމަޖެހުމުގެ ތެރެއިން ސަހުލާގެ ހިތަށް އަނެއްކާ ވެސް ލިބުނީ އަނިޔާ އެވެ. މިއީ ފަސޭހަ ނުވާނެ ބޮޑު އަނިޔާއެއް ކަން ސަހުލާއަށް މިހާރު ވެސް އެބަ އިޙްސާސް ވެއެވެ. ސަހުލާ ވަރަށް ބާރަށް ދޮރު ޖަހާފައި އެތެރެއަށް ވަނެވެ. ބިންމަތީގައި އޮތް ޔުއާދު ތެދުވާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ސަހުލާ ދިޔަ ގޮތަށް ގޮސް ހިފައިލީ ޔުއާދުގެ އަތުގައެވެ. ދަމަމުން ކަހަލަ ގޮތަކަށް ސަހުލާ އުޅުނީ ޔުއާދު ކޮޓަރީން ނެރޭށެވެ.
"ސަހުލާ!" ކުއްލިއަކަށް އެނދުމަތީގައި އޮތް ޖައިޝް ހަޅޭލަވައިގަތެވެ. ފުންމައިގެން ތެދުވި ބާރު މިނުގައި، އަނެއްކާ ވެސް ޖައިޝް ވެއްޓުނީ އެނދުމައްޗަށެވެ.
"ކިހިނެއްވީ؟ ކޮންހާ ހަޅޭކެއް ތިލަވަނީ؟ ޖައިޝް އުޅޭނެ ވައްތަރަކަށް އުޅޭތަން އަހަރެންވީ ހީނލައިގެން ބަލަން ހުންނަންތަ؟ އެހެން އެކަން ނުވާނެ ދޯ؟" ސަހުލާ ވެސް ވާހަކަދެއްކީ އަޑު ހަރުކޮށެވެ. ސަހުލާއަށް ލިބިފައި ވަނީ ހިތާމަ އާއި ރުޅި އެކުވިފައިވާ އިޙްސާސެކެވެ. ހިތަށް ތަދުވެފައި ހުރި ވަރުން، ސަހުލާއަށް ވެސް އިސް ކުރެވުނީ އިންތިހާއަށް ރުޅިއެވެ.
"ހީ ނުކުރައްޗޭ! މީ ޖައިޝް ބޭނުންހާ ކަމެއް ކުރަން ހުންނަ މީހެއް ކަމަށް؟ ޖައިޝްއާ އެކުގަ އަހަރެން މިހުރިހާ ދުވަހު މި އުޅުނީ ޖައިޝް ދެކެ ލޯބިވާތީ. ޖައިޝް ނޫން އިތުރު މީހަކަށް މި ހިތުން ދުވަހަކު ވެސް ލޯބި ނުވެވޭނެ ކަން އަހަންނަށް ޔަޤީން ވާތީ.. އެކަމު،" ސަހުލާ އަނެއްކާ ވެސް ޔުއާދުގެ އަތުގައި ހިފައި ދަމައިގަތެވެ.
"އައްދޯއި! ތަދުވެއޭ.." ޔުއާދު އެހެން ބުނެލީ ބުރަކަށީގައި އަތް ޖައްސައިލަމުންނެވެ.
"ހެވޭ ތަދު ވިޔަސް، ކަލޭ އަހަރެންގެ ޖައިޝް މުޅީން ހަލާކު ކޮށްފިއޭ. ނުކުމޭ މިގެއިން.." ސަހުލާ ވަރަށް ޙާލުން އަނެއްކާ ވެސް ޔުއާދުގެ އަތުގައި ހިފައި ދަމަން ފެށި ތަނާ ޖައިޝް އޭނާގެ ކަރު ބުޑުން "ސަހުލާ"އޭ ގޮވާ ހަޅޭލަވައިގަތެވެ. އަދި ވަރަށް މަސައްކަތުން އެނދުން ތެދުވިއެވެ.
"ކަލޭ ކިހިނެއް ވެގެން ތިއުޅެނީ؟ ކަލޭ ތީ ކާކު؟ މިގެއިން ދާން ޖެހޭނީ މަގޭ އެކުވެރިޔާ އެއް ނޫން. ކަލޭ ދާން ޖެހޭނީ. އާނ! އަންހެނުންނަކީ މުޅި ޤައުމުގެ ހަލާކު. ސަޅިކޮށް ބޯ ހަމަ ޖައްސާ ނުލެވޭ ކަލޭމެންގެ ނުހުރުއްޕާނާ ހެދި.." ޖައިޝް ހުއްޓިގެން ހުރީ ސަހުލާގެ ކުރިމަތީގައެވެ. ޖައިޝްއަށް ވެފައިވާ ވަރު ފެނިފައި ސަހުލާ އިންތިހާއަށް ދެރަވެއްޖެއެވެ. އޭނާގެ މުޅި ނަފުސު ފަދައިން ލޯބިވާ ބައިވެރިޔާއަށް ސަހުލާ ބަލަން ބޭނުމީ އެހެނެއް ނޫނެވެ. ސަހުލާގެ ހިތަށް ލިބެމުންދާ ވޭނުން އޭނާއަށް ވެސް ހަމަޖެހުމެއް ނުލިބެއެވެ. މީ ނުވާ ކަމަށް ހަދައިގެން އެތަނުން ދާން ވެސް ސަހުލާ ބޭނުން ނުވީއެވެ. އޭގެ ބަދަލުގައި ޖައިޝްއާ ކުރިމަތިލާ، ސަހުލާ މަޑު ކުރަމުން ދިޔައީ އޭނާއަށް ލިބުނު ހިތްދަތި ކަމެއްގެ ބޮޑު ކަމުންނެވެ.
"އަޅެ ޖައިޝް ވިސްނާލަބަ! ޖައިޝް ޕްރޮމިސް ވީމެއްނު، ދެން މިހެން ނޫޅޭނެ ކަމަށް. ކީއްވެ ޖައިޝް؟ އަހަރެމެންގެ ދަރިއަށްޓަކާ ނަމަވެސް.." ސަހުލާއަށް އިސް ޖަހައިލެވުނެވެ. އަދި މޫނުމަތީގައި އަތް އަޅައި ރޯން ފެށިއެވެ. ޖައިޝްއަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. އެއްވެސް އަސަރެއް ޖައިޝްގެ ހިތަކަށް ނުކުރިއެވެ.
"ކޮން ރުއިމެއް ރޯކަށް؟ ކަލޭ ދެންމެ ފުއްޕި ވައްތަރަށް ފުއްޕާލަބަލަ! މަރާލާނަން!" ޖައިޝް ހަރުކޮށް ދިން އިންޒާރާ އެކުގައި ސަހުލާއަށް އޭނާގެ މޫނުމަތިން އަތް ނެގުނެވެ. އަދި ބަލައިލީ ކުރިމަތީގައި ހުރި ޖައިޝްއަށެވެ. ސަހުލާގެ މުޅި މޫނުމަތި ވަނީ ކަރުނައިގެ ތިކިތަކުން ތެމިފައެވެ. އިސްތަށިތައް މޫނު މައްޗަށް ވެއްޓިފައި ވަނީ އެއްވެސް ތަރުތީބެއް ނެތިއެވެ.
"އެހެންތަ ހީކުރީ؟ ޖައިޝް.. އަހަރެން މަރާލަބަލަ! ކީއްވެތަ ތި ލަސް ކުރަނީ؟ މަރާލަބަލަ!" ސަހުލާގެ ދެއަތުން ޖައިޝްގެ ގައިގައި ތަޅައިގަތެވެ. ޖައިޝް އައި ރުޅީގައި ސަހުލާ ކޮއްޕައިލީ ކޮޓަރީގެ ފާރަށެވެ.
"ކަލޭ.. ކަލޭ ތިހުރީ ވަރިކޮށްފަ. ކަލޭ މަރާލާނަން.. މަރާލާނަން.." ޖައިޝް ރުޅި އައިސްގެން ރޫރޫ އަޅައިގަތެވެ. ޖައިޝް ކޮޓަރިން ނުކުމެގެން ގޮސް ކާގެއިން ވަޅި ނެގި އިރު، ސަހުލާ ދުވަމުން ގޮސް އެގެއިން ނުކުތެވެ.
***
ދުވާލުގެ އަލިކަން ދުނިޔެއާ ވަކިވެގެން ދިޔައީ އަނދިރި ކަމަށް ޖާގަދެމުންނެވެ. ގަޑިން އެރޭ 10 ޖެހި އިރު ކޮޓަރީގެ ކަނަކަށް ޖައިޝް ޖެހިގަނެގެން އިނެވެ. ޖައިޝްގެ ގާތުގައި ޔުއާދު ވެސް އިނެވެ. މޫނުމަތީގައި އަތް އަޅައިގެން ޖައިޝް ރޮމުން ގެންދިޔައީ ރަނޑު އަންހެނެއް ފަދައިންނެވެ. ޖައިޝްގެ ހިތަށް ތަދުވާ ވަރުން، ދޭތެރެ ދޭތެރެއިން ޖައިޝް ގެންދިޔައީ އޭނާގެ ހިތުގައި އަތް ޖައްސައިލަމުންނެވެ.
"ބްރޯ! މަ މިއަދު ވަރަށް ދެރަވެއްޖެ! ވަރަށް އެކަނި ވެއްޖެ. ސަހޫ މަށަށް އެ ގެއްލުނީ. މުޅި އުމުރަށް.. ދެން ސަހޫ މަށަށް މާފެއް ނުކުރާނެ." ހަމަހޭވެރިކަން ވާން ފެށުމުން ޖައިޝްގެ ކަމަކަށްވީ ރުއިމެވެ. ކައިރީގައި އިނދެގެން ޔުއާދު ގެންދިޔައީ ޖައިޝްގެ ކޮނޑުގައި ފިރުމަމުންނެވެ.
"މަ ހާދަ ލޯބިވަމޭ ސަހޫ ދެކެ. ސަހޫ އަކީ މަގޭ ދިރިއުޅުން. މަށަށް ލިބެން އުޅޭ ދަރިއަކީ މަގޭ ހުރިހާ އުއްމީދެއް. އެކަމު، މަށަށް މިއުޅެވުނީ ހާދަ ކަޑަކޮށޭ ބްރޯ!" ޖައިޝް އޭނާގެ ބޯ އަޅައިލީ ޔުއާދުގެ ކޮނޑުގައެވެ. މަސްތުގެ ރަހަތައް އެއްކޮށް ޖައިޝްގެ ސިކުނޑިން ފިލައިގެން ނުދިޔަސް، އޭނާ މިވަގުތު ހުރީ މަސްތާ އެކު ވަރަށް ބޮޑަށް "އިމޯރޝަނަލް" ވެފައެވެ. ކުރެވުނު ކުށް ޤަބޫލު ކުރެވި، ސަހުލާއަށް ހުރިހާ ކަމެއް އެނގުމުން އެކަމާ ނުހަނު ދެރަވެފައެވެ. ހަދާނެ ގޮތް ނޭނގިފައެވެ.
"ބްރޯ އެކަމު، ވަރިކޮށްލީމަ ދޯ.." ޔުއާދު އެއްޗެއް ނުބުނެ ހުރެފައި، އެންމެ ފުރަތަމަ ވެސް ބުނެލީ އެހެންނެވެ. ސަހުލާ ވަރިކޮށްލެވުނުކަން ވެސް ޖައިޝްއަށް ރޭކައިލީ އެކަން ކުރެވިފައި ވަގުތުކޮޅެއް ފަހުންނެވެ.
"ނޭނގެ ބްރޯ ބުނާނެ އެއްޗެއް ވެސް.. ކައެއަށް ހީވޭތަ ސަހޫ މަށަށް މާފު ކުރާނެހެން.." ޖައިޝް މާޔޫސްކަމާ އެކުގައި ޔުއާދަށް ބަލައިލިއެވެ.
***
"އަހަރެން މުޅިން ވަރުބަލިވެ، ގޮތް ހުސްވެއްޖެ ރިޝް.." ރިޝްފާގެ ގައިގައި ބައްދަމުން ސަހުލާ ވާހަކަދައްކަމުން ދިޔައެވެ. ސަހުލާގެ ހާލަތު ހުރި ގޮތުން ރިޝްފާ އިނީ ވަރަށް ދެރަވެފައެވެ. އަދި އެހާމެ ޖައިޝް ދެކެ ރުޅި ވެސް އަތުވެފައެވެ.
"މި ހީވަނީ ވަރި އަކީ ކުޅޭކުޅޭ ކުޅިވަރެއްހެން.." ރިޝްފާ ހިތްހަމަ ނުޖެހިގެން އެހެން ބުނެލީ ސަހުލާގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ.
"އަހަރެން ހީކޮށްގެން މިހުންނަނީ ޖައިޝް އެ ޗޭންޖު ވީ ކަމަށް.. ވަޒީފާއަށް ދާން އެއްބަސްވެ، އަހަރެން ބުރުގާ އަޅަން އެއްބަސްވެ، ރަނގަޅު ދިރިއުޅުމަކަށް ޖައިޝް ހިތްވަރު ދިނީމަ، އަހަރެން ޤަބޫލުކޮށްގެން މިހުރީ މުޅިން އެހެން އިންސާނަކަށް ޖައިޝް ވާނެކަމަށް. އެކަމު،" ސަހުލާގެ ރުއިމުގެ އަޑު ރިޝްފާގެ ކޮޓަރީގައި ގުގުމަމުން ދިޔައެވެ.
"ހިތްވަރު ކުރޭ ސަހޫ. ނުއުފުލޭ ބުރައެއް މާތްﷲ އިންސާނަކަށް ނުދައްކަވާނެ. އަހަރެން ޔަޤީންކަން ދެން، ކޮންމެ ޙާލެއްގަ ވެސް ސަހޫއާ އެކު އަހަރެން ހުންނާނެ ކަމަށް.." ރިޝްފާގެ ދެއަތުން އޭނާ ގެންދިޔައީ ސަހުލާގެ ލޮލުން އަންނަމުންދާ ކަރުނަތައް ފުހެމުންނެވެ.
"އަހަރެން ހާދަ ލޯބިވަމޭ ޖައިޝް ދެކެ. ހާދަ ލޯބި ވަމޭ.. ހާދަ ލޯބިވަމޭ.." ސަހުލާ ރޮމުން ރޮމުން ގޮސް ރިޝްފާގެ އުނގުގައި ބޯއަޅައިލިއެވެ. ސަހުލާ ބޭނުންވީ ހިތްފުރޭ ވަރަށް ރޯލާށެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. ޑިއުޓީއަށް ނުގޮސް ރިޝްފާގެ ގޭގައި ސަހުލާ އޮތީ ބަލިކަމަށް މެނޭޖަރަށް އަންގާފައެވެ. މިހާ އަވަހަށް ވަޒީފާއަށް ސަލާމް ބުނުމަކީ ރަނގަޅު ކަމެއް ނޫންކަން ވެސް އެނގޭ އިރުއެވެ. ނަމަވެސް މަސައްކަތް ކުރެވޭ ވަރަށް ސަހުލާގެ ހަށްޓަކު ހިތްވަރު ނެތްކަން ސަހުލާއަށް ޔަޤީންނެވެ. މީހުންނަށް ފެންނަ ހިސާބަށް ދާން ސަހުލާ ބޭނުމެއް ނޫނެވެ. ޢާއިލާއަށް ސިއްރުން މިހެން އުޅެވޭނީ ކިތައް ދުވަހު ބާއޭ ސަހުލާގެ ހިތް އޭނާއާ އަބަދުވެސް ސުވާލު ކުރެއެވެ. ވަރި ކުރިކަން ދުނިޔެއަށް ސިއްރު ކުރެ ވޭނީ ވެސް ވަކި ވަރަކަށް ތާއެވެ. މީހެއްގެ ދުލަކަށް މިވާހަކަ އަރައިގެން ޢާއިލާއަށް ގޮސްދާނެތީ ސަހުލާ ހުންނަނީ އަބަދު ހިތް ތެޅިތެޅިއެވެ.
ފެށިގެން ދިޔަ އައު ދުވަހާއެކުގައި، ހިޝާމްގެ މައިންބަފައިން ލުލުއަތުގެ މަންމައާ އެކީގައި ފެށީ އެމީހުންގެ ދަރިފުޅުގެ ކައިވެނީގެ ތައްޔާރީތަކެވެ. ލުލުއަތު އާއި ހިޝާމް ކައިވެނީގެ ގުޅުމަކުން ގުޅާލުމުގެ މަސައްކަތުގައި އަމަލީ ކޮށް އުޅެނީ ވެސް އެމީހުންގެ މައިންބަފައިންނެވެ. ރަން ކިޔަން ހަމަޖެހިފައި ވަނީ މާދަން އެވެ. ހިޝާމްގެ ކައިވެނީގެ ޚަބަރު ސަހުލާއަށް ދިނުމަށް ދެތިން ފަހަރަކު ހަފްސާ ސަހުލާއަށް ގުޅިއެވެ. ނަމަވެސް ސަހުލާ ފޯނަށް ޖަވާބު ނުދޭތީ އެވާހަކަ އޭނާއަށް ނުބުނެވުނެވެ. ސަހުލާ ފޯނާ ދުރުގައި އޮތުމުން ސަހުލާއަށް އޭނާގެ މަންމަ ގުޅިކަން ނޭނގުނީއެވެ. ހިޝާމްގެ ކުރެވެން އުޅޭ ކައިވެންޏަށް ސުހާނާ ވެސް މާލެ އަންނަން ތައްޔާރު ވަމުން ދިޔައެވެ.
ކޮޓަރީގައި ސަހުލާ އޮތީ އެކަނި މާއެކަނި ރޯލަރޯލަ އެވެ. ރިޝްފާ ބަދިގޭގައި ހުރެ ސައިތަށްޓެއް ބޯލައިގެން ނުކުތް ތަނާ އޭނާ ވަގުތުން ހުއްޓުން އެރިއެވެ. ލިބުނު ހައިރާން ކަމަށްވުރެ، ރިޝްފާ އައީ ރުޅިއެވެ. (ނުނިމޭ)