ހަބަރު

ބިދޭސީ ޓީޗަރުން ރެކޯޑް އަދަދަކަށް މަދުކުރަން ނިންމައިފި

  • އެކަށީގެންވާ އަދަދަށް ދިވެހި ޓީޗަރުން އެބަތިބި
  • އަންނަ އަހަރު ދިވެހި ޓީޗަރުންނަށް އިސްކަން ދޭނެ
  • ދެން ވަޒީފާގައި ތިބޭނީ މަދު ބިދޭސީ ޓީޗަރުން

އަންނަ އަހަރު ސްކޫލުތަކުގައި ދިވެހި ޓީޗަރުން އިތުރުކޮށް، ރެކޯޑު އަދަދަކަށް ބިދޭސީ ޓީޗަރުން މަދު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ދިރާސީ އާ އަހަރު ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީ އިން ބޭއްވި ޕްރެސް ކޮންފަރަންސް ގައި ވާހަކަ ދައްކަވަމުން ޕާމަނަންޓް ސެކެޓްރީ ޑރ. އަބްދުލް މުހުސިން މުހައްމަދު ވިދާޅުވީ ތައުލީމާއި އެކަށީގެންވާ ތަމްރީން ލިބިފައިވާ ގިނަ އަދަދެއްގެ ދިވެހި ޓީޗަރުން ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އަދި އެ ޓީޗަރުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށް ވެސް މުހުސިން ވިދާޅުވި އެވެ.

އެގޮތުން ކިޔަވައިގެން އަންނަ ޓީޗަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ބިދޭސީ ޓީޗަރުންނަށް ވުރެ، ދިވެހި ޓީޗަރުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދޭ ކަމަށް މުހުސިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ ތަމްރީން ލިބިގެން ތިބި ދިވެހި ޓީޗަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުން ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދޭން. އެއައްފަހު ބާކީ އިތުރު ޖާގައެއް ވާނަމަ ބިދޭސީ ޓީޗަރުންނަށް އެފުރުސަތު ދޭން. މީގެ ނަތީޖާއެއް ގޮތުން އަންނަ އަހަރަކީ ރިކޯޑު އަދަދަކަށް ބިދޭސީ ޓީޗަރުން މަދުވެގެންދާނެ އަހަރެއް ކަމަށް ގަބޫލު ކުރެވެ،" މުހުސިން ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ތައުލީމީ ފެންވަރާއި ކުދިންގެ ހުނަރު އިތުރަށް މަތި ކުރުމަށް ހުރިހާ ޓީޗަރުންގެ އެސެސްމަންޓެއް ހަދައި އެންމެ ދަށްކޮށް ޓީޗަރުންގެ ގައިގައި ހުންނަން ޖެހޭ ފެންވަރު ކަނޑައަޅާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން ކޮންމެ ދިވެއްސެއް ވިޔަސް އަދި ބިދޭސީޓީޗަރަކަށް ވިޔަސް، މަދު ވެގެން ޑިޕްލޮމާ ފެންވަރު އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.