އީރާނުން ސައިންސްގެ ތަހުލީލްތަކަށް ބޭނުންވާ އާލާތްތަކަށް ޖައްވަށް ފޮނުވައިފި އެވެ. މިއީ އީރާންގެ ޖައްވީ ޕްރޮގްރާމްގައި ކުރިއާލައި ރާވާފައި އޮތް ގޮތަށް ފޮނުވި އާލާތްތަކެއް ކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.
އީރާނުން ޖައްވަށް ފޮނުވި އާލާތްތަކުގެ ތަފްސީލް އަދި ދުނިޔެއަކަށް ނުދެ އެވެ.
އީރާންގެ ސްޕޭސް ޕްރޮގްރާމް ހިންގާ ގޮތް ބެލެހެއްޓުމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގައި އޮންނަ މިނިވަން ގޮތްޕެއްގެ ތަރުޖަމާން އަހްމަދު ހުސޭނީ ވިދާޅުވި ގޮތުން ދުނިޔެއަށް މިހާރު އެ ފެންނަނީ އީރާންގެ އަމިއްލަ އުފެއްދުމެވެ.
ޚަބަރުތައް ބުނާ ގޮތުން ޖައްވީ ދިރާސާތަކުގައި އީރާނުން ހޯދަމުން ގެންދާ ކުރިއެރުންތައް ދުނިޔެއަށް މައްސަލައަކަށް ވާނެ އެވެ.
ފްރާންސުން ވަނީ އީރާންގެ ޖައްވީ ޕްރޮގްރާމާ މެދު ކަންބޮޑުވުން އޮތް ކަމަށް ބުނެފަ އެވެ. އީރާންގެ ނިއުކްލިއާ މަޝްވަރާތައް ވިއެނާގައި ކުރިއަށް ދާއިރު، އީރާނުން ޖައްވަށް ސެޓެލައިޓް ފޮނުވުމަކީ މަޝްވަރާތައް ހީނަރު ވެދާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަހްމަދު ހުސޭނީއާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން އެއްވެސް މައްސަލެއް ނެތި އީރާނުން ޖައްވަށް ރޮކެޓެއް އުދުއްސާލެވުނު މިއީ ފުރަތަމަ ފަހަރެެވެ. އަދި ކުރިން ރާވާފައި އޮތް ގޮތަށް އާލާތްތައް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖައްވީ ގޮތުން އީރާން ކުރިއެރުމަކީ އިޒްރޭލަށާއި އެމެރިކާއަށް ބޮޑު ރިހުމަކަށް ވާނެ އެވެ. އިޒްރޭލުގެ އަވަށްތަކާއި ނިއުކްލިއާ ޕްލާންޓްތައް އަދި އަސްކަރީ މަރުކަޒުތައް ހުރި ތަންތަން އީރާނުން ދެނެގަތުމަކީ ވަރަށް ބޮޑު ބިރަކަށް ވާނެ އެވެ.
އިޒްރޭލުން ތާއަބަދު ބުނަމުން ގެންދަނީ އީރާނަށް ހަމަލާދޭނެ ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލު ތެރޭގައި އަސްކަރީ ރޭވުންތައް ހުރި ގޮތް އީރާނުން ދެނެގަންނަ ނަމަ ހަމަލާދޭން އިޒްރޭލު ޖެހިލުންވާނެ އެވެ.