ޑރ. އަބްދުﷲ މައުސޫމް

ހޯމް ސްޓޭއިން ސަގާފަތަށް އަސަރެއް ނުކުރާނެ: ޑރ. މައުސޫމް

މ. ދިއްގަރުން: މުހައްމަދު އައުޒަމް
Jan 1, 2022

ގޭގޭގެ ވަކި ކޮޓަރީގައި ޓޫރިސްޓުނަށް ތިބެވޭ ގޮތަށް ތައާރަފު ކުރާ "ހޯމްސްޓޭ"ގެ ސަބަބުން ރާއްޖޭގެ ސަގާފަތާ އާދަކާދައަށް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވެ "ހޯމްސްޓޭ" އާ ދެކޮޅު ވާހަކަތަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފި އެވެ.

މައުސޫމް މިހެން ވިދާޅުވީ ހޯމް ސްޓޭ ފަތުރުވެރިކަން ރާއްޖޭގައި ރަސްމީކޮށް ފެށުމަށް މިއަދު މ. ދިއްގަރުގައި ބޭއްވި ހާާއްސަ ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މައުސޫމް ވިދާޅުވީ ރާއްޖޭގައި ގެސްޓްހައުސް ހިންގާތާ މިހާރު 10 އަހަރުވެފައިވާ ކަމަށާއި އަދި ހޯމް ސްޓޭއާއެކު މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަކީވެސް އިންސާނުން ކަމަށާއި އަދި އުސޫލެއްގެ ގޮތުން ބަސް އަހާނެ ކަމަށެވެ.

ސަގާފަތާއި ތަރިކައަށް އިޝާރާތްކުރައްވައި މައުސޫމް ވިދާޅުވީ އެކަންކަން އިތުުރަށް ދިރުވައި އާލާކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެެވެ. އަދި ފަތުރުވެރިކަމާއެކު އެކަންކަމަށް ދިރުން އަންނާނެ ކަމަށެވެ.

"ތަރިކައާއި ސަގާފަތް އުސޫލެއްގެ ގޮތުން ދިރުވަން ޖެހޭނެ. މިއަދު އަޅުގަނޑުމެންނަށް ފެނުނީ ދިއްގަރުގެ ކުޅަދާނަ [ސަގާފީ] ޕާފޯމަންސްއެއް. މި އެއްޗެހި ދިރުވޭނީ ވިޔަފާރިއާ ގުޅިގެން. އާމްދަނީ ލިބިގެން. އޭރުން އާއިލާގެ މީހުންވެސް ބެރު ޖަހާލަން ފޮނުވާނީ. އަޅުގަނޑުމެންގެ ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭންގައިވެސް ވަރަށް ބޮޑަށް އިސްކަމެއް ދޭނަން ކޮންމެ ރަށެއްގައި އިކޯ ސިސްޓަމް ކުރިއަރުވައި އެރަށެއްގެ ސަގާފަތާއި ތަރިކަ ކޮޅަށް ޖެހުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޯމް ސްޓޭ ފަތުރުވެރިކަމަކީ ރަށްރަށުގެ ސަގާފަތާއި ތަރިކަ ކޮޅަށް ޖެހުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެެއް ކަމަށެވެ.

"ހޯމްސްޓޭ"ގެ ސަބަބުން ރާއްޖޭގެ ސަގާފަތާ އާދަކާދައަށް އަސަރެއް ނުކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އިރު މިބާވަތުގެ ފަތުރުވެރިކަމުގެ ސަބަބުން ދިވެހި ދަރިންގެ އިއްފަތާއި އަބުރު ގެއްލި އާއިލާތައް ރޫޅި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެން ދާނެކަމެއްކަމެއް ކަމަށް ސިފަކޮށް އެކަން ހުއްޓާލުމަށް ދީނީ އިލްމު ފެތުރުމުގެ މަސައްކަތަށް ހާއްސަކޮށް އުފައްދާފައިވާ ޖަމިއްޔަތުއް ސަލަފުން ސަރުކާރަށް މިއަދު ވަނީ ގޮވާލައިފަ އެެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހޯމް ސްޓޭއަކީ ހަމައެކަނި ބޭރުގެ ފަތުރުވެރި ކަމަށް އޮތް މާކެޓެއް ނޫން ކަމަށާއި އަދި ދިވެހީންނަށް ވެސް އޮތް ފުރުސަތެއް ކަމަށެެވެ. އަދި ރާއްޖޭގެ ފައިސާ ރާއްޖޭގެ ދަައުރުވުމަށް މަގުފަހިކުުރުމުގެ ގޮތުން ޑޮމެސްޓިމް ޓޫރިޒަމް މުޅި ރާއްޖެއަށް ފުޅާކުރަން ޖެހޭ ކަމަށެވެ.

"ޑޮމެސްޓިކް ޓޫރިޒަމަކީ މުޅި ދުނިޔޭގައިވެސް ހިނގާކަމެއް. ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް މުޅި ޗައިނާގައި ވެސް ދަނީ ޑޮމެސްޓިކް ޓޫރިޒަމް،" މިނިސްޓަރު ވިދާޅުވި އެވެ.

"ހޯމްސްޓޭ" ދިއްގަރުގައި ރަސްމީކޮށް ފެށިއިރު މިރަަށަށް މިއަދު ހަތަރު ފަތުރުވެރިއަކި ވަނީ ޒިޔާރަތްކޮށްފަ އެވެ.